ޒުވާން އެކްޓަރު ވިކީ ކޯޝަލް އާއި 2017 ވަނަ އަހަރު ރީތީގެ ރާނީއަކަށް ހޮވުނު މަނޫޝީ ޗިއްލަރު އެކުގައި ފެނިގެންދާ ފިލްމުގެ ޝޫޓިން ފަށައިފިއެވެ.

ޔަޝްރާޖް ފިލްމްސް އިން ގެނެސްދޭ މި ފިލްމުގެ ޝޫޓިން މުމްބާއީގައި މިހާރު ފަށައިގެން ކުރިއަށްދާއިރު މި ފިލްމުގެ ނަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއްނުވެއެވެ. މީޑިއާތަކަށް ވެސް ސިއްރުން ފެށި މި ފިލްމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާއިރު މި ފިލްމަކީ ވިޖޭ ކްރިޝްނާ އަޗާރިއާ ޑައިރެކްޓްކުރާފިލްމެކެވެ. މުމްބާއީ ޝެޑިއުލް ޝޫޓިން ކުރިއަށްދާނީ 18 ދުވަހުގެ މުއްދަތަކަށެވެ.

ވިކީ އާއެކު މި ފިލްމު ކުޅެން މަނޫޝީ ހަމަޖެއްސީ ޔަޝްރާޖް ފިލްމްސްއާ ހަވާލުވެގެން ހުރި އަދިތްޔާ ޗޯޕްރާ އެވެ. އަދި މި ފިލްމަކީ ވިކީ އާ މަނޫޝީ އެކުގައިސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމުވެސްމެއެވެ.

މަނޫޝީ ބޮލީވުޑަށް ތައާރަފްވާނީ އަކްޝޭ ކުމާރު އާއެކު ފިލްމު "ޕްރިތުވީރާޖް" އިންނެވެ.

މަނޫޝީ އަކީ މިސް ވޯލްޑް ހޯދި އިންޑިއާގެ ހަ ވަނަ ރީތީގެ ރާނީ އެވެ. އަދި މަނޫޝީ އަކީ 2000 ވަނަ އަހަރުގެ ފަހުން މިސް ވޯލްޑް ލިބުނު ފުރަތަމަ އިންޑިއާގެރީތީގެ ރާނީ އެވެ.