ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސްގައި ގިނަ އެވޯޑްތަކެއް ހާސިލުކުރި "ބްލެކް ޕެންތާ"ގެ ދެވަނަ ބައި އަންނަ އަހަރު ޝޫޓްކުރާ ގޮތަށް ނިންމައިފިއެވެ.

މާވެލްއިން ފުރަތަމަ ފަހަރަށް އެމެރިކާގެ ކަޅު ނަސްލު ހިމެނޭ ގޮތަށް އުފެއްދި ފިލްމު "ބްލެކް ޕެންތާ"އަށް ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު އެ ފިލްމުގެޝޫޓިން ފަށާނީ އަންނަ އަހަރުގެ ޖުލައި މަހުއެވެ. 2022 ވަނަ އަހަރުގެ މެއި މަހު ރިލީޒްކުރުމަށް ނިންމާފައިވާ އެ ފިލްމުގައި ބްލެކް ޕެންތާގެ ރޯލު ކުޅޭނެއެކްޓަރަކާ މެދު އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.

މިދިޔަ އޮގަސްޓް މަހު ބްލެކް ޕެންތާގެ ތަރި ޗެޑްވިކް ބޮސްމަން ވަނީ މަރުވެފައެވެ. ޗެޑްވިކް މަރުވީ ކޮލޯން ކެންސަރުގެ ސްޓޭޖް ހަތަރަކަށް ފަރުވާ ހޯދަމުންދަނިކޮށެވެ. އޭނާ ދިޔައީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް ފަރުވާ ކުރަމުންނެވެ.

ބްލެކް ޕެންތާގެ ދެވަނަ ބައި ވެސް ޑައިރެކްޓްކުރާނީ އެ ފިލްމުގެ ފުރަތަމަ ބައި ޑައިރެކްޓްކުރި ރަޔަން ކޫލްގާ އެވެ.

އެފްރިކަން-އެމެރިކަން ގައުމެއް ކަމަށްވާ ވަކަންޑާގައި ހިނގާ ކަންތައްތަކެއް ދައްކައިދިން މި ފިލްމުގައި މުހިއްމު ރޯލުތައް ކުޅެފައިވަނީ ކަޅުނަސްލުގެއެކްޓަރުންނެވެ.

ދެހާސް އަށާރަ ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު ބްލެކް ޕެންތާ އަކީ ބިލިއަން ޑޮލަރުގެ އާމްދަނީ ހޯދި މާވެލްގެ ދެވަނަ ފިލްމުވެސްމެއެވެ. އެ ފިލްމަށް ވަނީއޮސްކާ ގެ ތިން އެވޯޑެއް ވެސް ލިބިފައެވެ.