މިއަދުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ދެއްކެވި ވާހަކަ ފުޅުގެ ސަބަބުން އަނިޔާލިބުނު ކުރިމިނަލް ކޯޓުގެ ގާޒީ އަބުދުﷲ މުހައްމަދު ބަދުނާމުވެ އެބޭފުޅާ އަށް އަނިޔާ ކުރި ފަރާތްތަކަށް ހިތްވަރު ލިބިގެން ހިނގައްޖެ ކަމަށް އިދިކޮޅު ޑީއާރްޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

ތަސްމީން ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔާތްކޮށް ދެމެހެއްޓުމުގެ ދެ ވަނަ އަށް އެންމެ އިސްބޭފުޅަކީ ނައިބް ރައީސް ކަމަށާއި ރާއްޖޭގެ ގާނޫނާއި ހިލާފަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބުދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ސަރުކާރު ދިފާއު ކުރައްވާ ވާހަކަފުޅު ދައްކަވާ އިދިކޮޅު ފަރާތްތަކުން އޭނާ ދޫކޮށްލުމަށް އެދި ކުރާ މުޒާހަރާތައް ހުއްޓާލުމަށް ގޮވާލާފައި ވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ދުސްތޫރީ ނިޒާމްގެ ތެރެއިން އެންމެ ބޮޑަށް ރައްކާތެރި ކޮށްފައިވާ ނަފްސުގެ މިނިވަންކަމާއި ގެދޮރުގެ މިނވަންކަން ނަގާލުމަށް ފަހު ސިފައިން ގާނޫނާ ހިލާފަށް ބަންދުކުރެވިފައިވާ ފަނޑިޔާރު [އަބުދުﷲ ގާޒީ] އަދިވެސް ހުރީ ބަންދުގައި. އެކަމަށް އަދި ހައްލެއް ނުލިބޭ މިއަދު ޑރ. ވަހީދުގެ ވާހަކަފުޅުގައި އެންމެ ބޮޑަށް ޒިންމާއެއް ނަގަން ޖެހޭ ފަރާތަކަށް މިބުނަނީ ޖުޑީޝަލް ސާވިސް ކޮމިޝަންކަމަށް. ހަގީގަތުގައި މިއަދު އެންމެ ބޮޑު ޒިންމާއެއް ނަގަން ޖެހޭނީ ގާނޫނާއި ހިލާފަށް[އަބުދުﷲ ގާޒީ] ބަންދު ކުރިފަރާތް،"

ތަސްމީން ވިދާޅުވީ ބަންދުކުރެވިފައިވާ ބޭފުޅަކީ އަދުލް އިންސާފު ގާއިމްކުރުމުގެ ނިޒާމްގެ މުހިންމު ފަރާތަކަށްވީ އިރު އެ ބޭފުޅާ ބަންދު ކުރި މައްސަލާގައި ދޭން ޖެހޭ ސަމާލްކަން ނުދެއްވާ އެކަމުގެ މުހިންމުކަން ކުޑަވާ ގޮތަށް އެބޭފުޅާ ބަދުނާމު ވާގޮތަށް އެފަދަ ކަމެއް ކުރި ފަރާތަށް ހިތްވަރުލިބޭ ގޮތަށް ނައިބު ރައިސް ޑރ. ވަހީދު ވާހަކަ ދެއްކެވުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

ތަސްމީން ވިދާޅުވީ އަބުދުﷲ ގާޒީގެ މައްސަލަ ޖޭއެސްސީން ބެއްލެވި ކަމަށާއި އެކޮމިޝަނުން ބެލި މައްސަލަ ވަގުތީ ގޮތުން ހުއްޓާލުމަށް ކޯޓަކުން އަމުރުކުރުމާއި ގުޅިގެން އެ މައްސަލަ ހުއްޓާލުމަކީ އެމައްސަލަތައް ނުބެއްލެވުން ނޫން ކަމަށެވެ.

ތަސްމީން އަދި ވިދާޅުވީ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ބޭފުޅަކު ސަރުކާރުން ދޫކޮށްނުލަނީސް އިދިކޮޅުފަރަތްތަކުން މިހާރު ކުރަމުންގެންދާ މުޒާހަރާތައް ހުއްޓާލުމަށް ނައިބު ރައިސް އެދިލެއްވި އެދިލެއްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލާގައި ސަރުކާރާ އެކު މަޝްވަރާއަށް ދާން ޑީއާރްޕީން ބޭނުން ނުވާކަމަށް ވިދާޅުވެ އެ ބަސްފުޅު ތަކުރާރު ކުރެއްވި އެވެ.

"ސަރުކާރުން އަޅުގަނޑުމެންގެ ބޮލުގައި ބަޑި ޖައްސާފައި ޓްރިގަރަށް އޮއްބާލާ ހިސާބުން މަޝްވަރާއަށް އަންނާށޭ ބުނީމާ އެކަމަށް އިޖާބަ ދީފި ނަމަ ދެން ކޮންމެ ފަހަރަކު ވެސް ބަޑި ޖައްސާނެ،"

އެހެންނަމަވެސް އޭނާ ވިދާޅުވީ އިދިކޮޅު ހުރިހާފަރާތްތަކުން ގުޅިގެން މިހާރު ކުރަމުންދާ މަސައްކަތުގައި އިދިކޮޅު ޕާޓީތައް މަޝްވަރާއަށް ދާން ނިނަމްއިފި ނަމަ އެކަމަށް އިހުތިރާމް ކުރުމުގެ ގޮތުން ޑީއާރުޕީގެ ކައުންސިލްގެ މަޝްވަރާއާ އެކު ގޮތެއް ކަނޑައަޅުއްވަނެ ކަމަށެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އަބުދުﷲ މުހައްމަދު ސިފައިންގެ ހައްޔަރުން ދޫކޮށްލައި ޖުޑީޝަލް ސާވިސް ކޮމިޝަނުން އޭނާގެ މައްސަލަ ބަލައި ނިމެން ދެން ކޯޓަށް ނުނުކުމެވޭ ގޮތަށް ސަސްޕެންޑް ކުރުމަށްގޮވާލާފަ އެވެ.

ލިޔުމާ ގުޅޭ އޯޑިއޯ