22 Nov 2020, 22:54
ދިރާގާއި ފޯޓިނެޓް ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގެ ފަރާތްތަކަށް އަމާޒުކޮށްގެން ސައިބާ ސެކިއުރިޓީއާ ބެހޭ ވެބިނާއެއް ބާއްވައިފި އެވެ.
ދިރާގު 'އެއްވުން' ޕްލެޓްފޯމްގައި "ފްރޮމް ސެކިއުރިޓީ ޓު ޓްރަސްޓް"ގެ ނަމުގައި ކުރިއަށްގެންދިޔަ މި ވެބިނާގައި އަލިއަޅުވާލި މައިގަނޑު ވާހަކަތަކުގެ ތެރޭގައި ގްލޯބަލް ސެކިއުރިޓީ ޓްރެންޑްސް، ކޮވިޑް 19އާއި އެފަދަ ބަލިމަޑުކަމެއްގެ ތެރޭގައި އަދި ގޭގައި ތިބެ މަސައްކަތް ކުރުމުން ސައިބާ ސެކިއުރިޓީއަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކާއި، މި ފަދަ ނުރައްކާތަކުން ކުންފުނިތަކާއި މުވައްޒަފުން ސަލާމަތް ކުރުމަށް ކުރެވޭނެ ކަންތައްތަކާއި ސޮލިއުޝަންތައް ހިމެނެ އެވެ.
މި ވެބިނާގެ ކީނޯޓް ދެއްވީ ޓެކްނޮލޮޖީ ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާހުރި އަދި މިހާރު އީގާޑިއަން ޕްރައިވެޓް ލިމިޓެޑް، ޑީ.ސީ.އެސް ޕްރައިވެޓް ލިމިޓެޑް އަދި އައި.އައި.އެޗް.ޓީ ސްރީލަންކާގެ ޑިރެކްޓަރު އަދި ޑެލްޓާ ސްޕައިކް ޕްރައިވެޓް ލިމިޓެޑްގެ ކޯފައުންޑަރ ކަމަށްވާ ޝިހާން އަނޮން އެވެ. އަދި ޝިހާން އަކީ "ސޭންސް" ސެޓިފައިޑް ސެކިއުރިޓީ މާހިރެކެވެ.
ޝިހާންގެ ވާހަކައިގައި ކޮވިޑް19ގެ ސަބަބުން ގޭގައި މަސައްކަތްކުރާއިރު ސައިބާ ސެކިއުރިޓީއަށް ކުރިމަތި ވަމުންދާ ގޮންޖެހުންތަކާއި ނުރައްކާތަކަށް އަލިއަޅުވާލައްވާފައިވެ އެވެ. އަދި ދުނިޔޭގައި އެނބުރެމުންދާ ނުރައްކާތެރި ސައިބާ ހަމަލާތަކާ ބެހޭ މައުލޫމާތު އުނގެނި، އެކަންތައްތަކުން ރައްކާތެރިވެ ތިބުމުގެ މުހިންމުކަން ފާހަގަ ކުރެއްވި އެވެ.
އެ ވެބިނާގައި ސަބްޖެކްޓް އެކްސްޕާޓެއްގެ ގޮތުން ވާހަކަދެއްކެވީ އައިޓީ ސެކިއުރިޓީގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ އަދި މިހާރު ފޯޓިނެޓްގެ ޕްރިންސިޕަލް ސިސްޓަމް އިންޖިނިއަރު ކްރިޝްނަން ރާޖަގޮޕްލަން އެވެ. އޭނާގެ ވާހަކައިގައި ސައިބާ އެޓޭކްތަކަކީ މިހާރު ދުނިޔޭގައި މެދުނުކެނޑި 24 ގަޑިއިރު ހިނގަމުންދާ ކަމެއް ކަމަށާއި ވިޔަފާރީގެ ބޭނުންތަކާއި އެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި ޓެކްނޮލޮޖީ ބޭނުން ކުރާ މިންވަރު އިތުރުވެ، ޓެކްނިކަލް އާލާތްތައް ބޭނުން ކުރުން އިތުރުވާ މިންވަރަކަށް މިފަދަ އެޓޭކްތައް އިތުރުވާ ކަމަށް ވިދާޅުވި އެވެ.
އެހެންކަމުން ހިދުމަތްތަކުގެ ސެކިއުރިޓީ އިތުރު ކުރުމަށްޓަކައި ހިދުމަތް ބޭނުންކުރާ ފަރާތްތަކާއި ޑިވައިސްތައް ވަގުތުން ވަގުތަށް މޮނިޓާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވި އެވެ.
އެ ވެބިނާގައި ދިރާގު ސިއެމް ނުވަތަ ދިރާގު ސެކިއުރިޓީ އިންފޮމޭޝަން އެންޑް އިވެންޓް މެނޭޖްމެންޓް އާއި ބެކަޕް އެންޑް ރިކަވަރީ ސޮލިއުޝަންއާ ބެހޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.
ދިރާގު ސިއެމްއަކީ ނެޓްވޯކެއްގެ ތެރޭގައި ހިނގަމުންދާ ސަލާމަތަށް ބުރޫ އަރާ ކަހަލަ ހަރަކާތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅު އެޅުމަށާއި ދުރާލާ މިފަދަ ނުރައްކާތައް އަންގައިދީ އެކަމުން ސަލާމަތް ވާނެ މަގު ފަހިކޮށްދޭ ނިޒާމެކެވެ.
ދިރާގު ބެކަޕް އަދި ރިކަވަރީއަކީ ޑިޒާސްޓާ ރިކަވަރީ އަދި ބިޒްނަސް ކޮންޓިނިއުޓީއަށް ހާއްސަ ކޮށްގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. މި ހިދުމަތަކީ ކްލައުޑް ބޭސްޑް ބެކަޕް ހިދުމަތެކެވެ. މި ހިދުމަތް މެދުވެރިކޮށް ކަސްޓަމަރުންގެ އެންމެ ކްރިޓިކަލް ނުވަތަ އެންމެ މުހިންމު އައިޓީ ސިސްޓަމްތަކުގެ ޑޭޓާ ރައްކާތެރިވެ، ސާވާ ކްރޭޝްވުން ފަދަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި އެ ސިސްޓަމްތައް އެންމެ ފަހުން ހުރި ހާލަތަކަށް އަވަސް ގޮތެއްގައި ރައްކާތެރިކަމާއެކު އިޔާދަކުރުމަށް މަގުފަހިވެ އެވެ.
މި ވެބިނާރއާ ބެހޭގޮތުން ދިރާގުގެ ޑިރެކްޓާ ކަސްޓަމާ ސޮލިއުޝަންސް މުސްތާގް އަހުމަދު ދީދީ ވިދާޅުވީ މި ވެބިނާ ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިރާގުގެ ވިޔަފާރި ކަސްޓަމަރުންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ސައިބާ ސެކުރިޓީގެ މުހިންމުކަމާއި ސައިބާ އެޓޭކްތަކުން ރައްކާތެރިވުމަށް ދުރާލާ ކުރެވޭނެ ކަންތައްތަކާ ބެހޭގޮތުން މައުލޫމާތު ދިނުން ކަމަށެވެ.
ދިރާގުގެ އަމާޒަކީ ދިރާގުގެ ބިޒްނަސް ކަސްޓަމަރުންނަށް ކަނެކްޓިވިޓީގެ އިތުރުން އެކި ކަހަލަ ޒަމާނީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
އާ އާންމު ހާލަތުގައި މަސައްކަތް ކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި އިތުރު ސްމާޓް އަދި ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޮލިއުޝަންތައް ތައާރަފުކޮށް، މި ޑިޖިޓަލް ޒަމާނުގައި ވިޔަވާރިތައް ފުރިހަމައަށް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހޯދައިދިނުމަށް ދިރާގުން އަބަދުވެސް ދަނީ މަސައްކަތްކުރަމުންނެވެ.