މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު އައްބާސް އާދިލް ރިޒާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މިއަދު ވަނީ އިސްތިއުފާގެ ސިޓީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ފޮނުވައިފަ އެވެ.
އައްބާސް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ހުކުރު ދުވަހު އޭނާގެ ގައިގައި ބަޔަކު ޖަހައި މާރާމާރީ ހިންގާފައި ވަނިކޮށެވެ.

ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އައްބާސް ވިދާޅުވީ ގައުމުގެ ހާލަތު މިވަގު އޮތްގޮތުން ގާނޫނު އަސާސީ ހިމާޔަތް ކުރުން ނޫން އެހެން އެއްވެސް ޚިދުމަތެއްގައި ހުރުމަށް ނުފެންނާތީ އިސްތިއުފާ ދެއްވީ ކަމަށެވެ.

އޭނާ ވިދާޅުވީ މިވަގުތު ރާއްޖޭގެ ހާލަތު މިއޮތް ގޮތުން އަމިއްލަ ނަފްސްގެ ރައްކާތެރިކަމާއި ގާނޫނު އަސާސީގެ ރައްކާތެރިކަން ނުލިބޭ ކަމަށާއި މިވަގުތު އެންމެ ބޭނުން ވަނީ އަމިއްލަ ރައްކާތެރިކަމާއި ގާނޫނުގެ ރައްކާތެރިކަން އަމިއްލަޔަށް ހޯދުމަށް ކަމަށެވެ.

"މިވަގުތު އަޅުގަނޑުމެންގެ ގައުމުގެ ހާލަތު މިއޮތް ގޮތުން އަޅުގަނޑުމެންގެ ނަފްސްގެ ރައްކާތެރިކަމާއި ގާނޫނު އަސާސީގެ ރައްކާތެރިކަން ނުލިބޭ ހިނދެއްގައި އަޅުގަނޑަށް ބޭނުން ވަނީ އަޅުގަނޑުގެ އަމިއްލަ ރައްކާތެރިކަމާއި ގާނޫނުގެ ރައްކާތެރިކަން އަޅުގަނޑު އަމިއްލަޔަށް ހޯދުމަށް،" އެމްޑީޕީގެ ކުރީ ސަފުގައި ކުރިން ހަރަކާތްތެރިވި އައްބާސް ވިދާޅުވި އެވެ.

އައްބާސް މިއަދު ރައީސް ނަޝީދަށް ފޮނުވި އިސްތިއުފާގެ ސިޓީގައި ބުނަނީ މިއަދު ރާއްޖޭގެ ދުސްތޫރީ ހަޔާތް ފުރޮޅެމުން ނިރޮޅެމުން އައިސް، ބަލާލި ކޮންމެ ދިމާލަކުން ނާމާންކަމާއި، ބިރުވެރިކަން ރައްޔިތުންގެ ހިތްތަކަށް ވަންނަމުންދާ މި ނާޒުކު ދަނޑިވަޅުގައި އޭނާގެ އަމިއްލަ ނަފްސާއި އަނބި ދަރީންގެ ރައްކާތެރިކަން މިގައުމުގެ ފުލުހުންނާއި ސިފައިންނަށް ރައްކާތެރިކޮށް ނުދެވޭ ހާލަތަށް ގައުމުގެ މަސްލަހަތު ގެއްލިގެން ގޮސްފައިވާތީ އޭނާގެ ޚިދުމަތް ބޭނުންވެފައި ވަނީ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކަމަށް ދެކޭ ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ