06 Jul 2010, 11:40
14:30
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މެދުގައި ދެކެވިފައިވާ ކަމަށް ބުނާ އޯޑިއޯ ކްލިޕްތައް ލީކުވި މައްސަލާގައި ސަރުކާރުގެ އެއްވެސް އަތެއް ނޯންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ އެ އޯޑިއޯ ކްލިޕްތައް ލީކްވި މައްސަލާގައި ބައެއް ފަރާތްތަކުން އެކަމުގެ އިލްޒާމް ސަރުކާރުގެ ބޮލުގައި އަޅުވަމުންދިޔަ ނަމަވެސް އެ އޯޑިއޯ ކްލިޕްތައް ލީކްކޮށްލުމުގައި ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ. ނަމަވެސް އެ އޯޑިއޯ ތަކުގެ ތަހްޤީޤް ފުލުހުން ކުރިއަށްގެންދާ ކަމަށާއި އަދި އެންޓި ކޮރަޕްޝަންސް ކޮމިޝަންގެ މެންބަރުންނަށް ބިރުދައްކާފައިވާ ކަމަށް ދޭހަވާ ފަދަ ގޮތަކަށް އެ އޯޑިއޯ ކްލިތަކުގައި ދެކެވިފައިވާ ވާހަކަތަކާ ގުޅިގެން އެ މައްސަލަ ވެސް ބަލަމުން އަންނަ ކަމަށް ޒުހެއިރު ވިދާޅުވި އެވެ.
އެ އޯޑިއޯ ކްލިޕްތަކަކީ ޤާނޫނާ ހިލާފަށް ހޯދާފައިވާ އެއްޗެއް ކަމަށް ބުނެ އެ އޯޑިއޯތައް ބޭނުންކުރެވިދާނެތޯ ނޫސްވެރިއަކު ކުރަން މަސައްކަތް ކުރި ސުވާލަށް ފުރުސަތު ނުދެއްވާ ޒުހެއިރު ވިދާޅުވީ އެގޮތަށް ދެކެވަޑައިނުގެންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހިމާއި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދާއި ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމްގެ އިތުރުން މުލަކު ދާއިރާގެ މެންބަރ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަޑު ހިމެނޭ ކަމަށް ބުނާ އެ އޯޑިއޯ ކްލިޕްތަކާ ގުޅިގެން ސަންއެފްއެމަށް ދެއްވި އިންޓަވިއެއްގައި ޕީއޭގެ ވެސް ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ ދެ މީހެއްގެ ދޭތެރޭގައި ކުރެވޭ މުއާމަލާތަކީ އިހްތިރާމާއި ހުރުމަތް ލިބިގެންވާ އެ މީހެއްގެ ހައްޤެއް ކަމަށް ޤާނޫނު އަސާސީގައި ބުނާ ކަމަށާއި އެ ހުއްދަ ޓެލެކޮމިއުނިކޭޝަން އޮތޯރިޓީން ދެއްވާ ކަމަށްވާނަމަ އެ ހުއްދަ ދެއްވި ސަބަބު އެނގިވަޑައިގެންނަވަން ބޭނުންވާ ކަމަށެވެ. އަދި އެ އޯޑިއޯ ކްލިޕްތަކަކީ ޤާނޫނާއި ގަވާއިދާއި ހިލާފަށް މި ސަރުކާރުން ކޮށްފައިވާ ކަމެއް ކަމަށާއި އެގޮތަކަށް އެކަންތައް ނުކުރެވޭނެ ކަމަށް ވެސް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ލީކުކޮށްލައިގެން އުޅޭ އޯޑިއޯ ކްލިޕުގައި އަޑު ހިމެނޭ ދިއްގަރު ދާއިރާގެ މެންބަރ އަހުމަދު ނާޒިމް ވިދާޅުވީ ފޯން ކޯލްތައް އަޑުއެހުމުގެ ގާބިލްކަން ލިބިގެންވަނީ ހަމައެކަނި އެމްއެންޑީއެފަށާއި މޯލްޑިވްސް ޕޮލިސް ސާވިސް އަށް ކަމަށާއި އެކަން މަޖިލީހުގެ ކޮމިޓީތަކުގައި ވެސް އެ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ކޮށްފައިވާ އެ ކަންތައް ބައްލަވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވެސް ވިދާޅުވީ ފޯން ކޯލްތައް އަޑުއެހުމުގެ ގާބިލްކަން ލިބިގެންވަނީ ހަމައެކަނި ދިފާއީ ބާރުތަކަށް ކަމަށެވެ.