22 Nov 2020, 14:18
ވޮޝިންޓަން (ނޮވެމްބަރު 22): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކޮވިޑް ޖެހުމުން އޭނާއަށް ދިން އެންޓިބޮޑީ ތެރަޕީ އެގައުމުގައި ބައެއް ހާލަތްތަކުގައި ބޭނުން ކުރަން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ވަގުތީ ހުއްދައެއް ދީފި އެވެ.
ރައީސް ޓްރަމްޕަށް ދިން ފަރުވާއަކީ އެމެރިކާގެ ބަޔޯޓެކް ކުންފުންޏެއް ކަމަށްވާ ރެޖެނެރޮން ފާމަސޫޓިކަލްސްއިން ހޯދި ފަރުވާއެކެވެ. އެއީ ކޮވިޑް-19އިން ދިފާއުކޮށްދޭ ގުދުރަތީ އެންޓިބޮޑީތަކެއް ލެބޯރެޓަރީގައި ކްލޯންކޮށްގެން އުފައްދާ އެންޓިބޮޑީތައް ބޭނުންކޮށްގެން ދޭ ފަރުވާއެކެވެ. އޭގެ ބޭނުމަކީ ހަށިގަނޑުގައި ކޮރޯނާވައިރަސް އިތުރުވުން ހުއްޓުވުމެވެ.
އެފްޑީއޭއިން ބުނި ގޮތުގައި އެ އެންޓިބޮޑީ ތެރަޕީ ދޭނީ ވައިރަހަށް ޕޮޒިޓިވްވެ، ދިގު މުއްދަތެއް ނުވާ މީހުންނަށެވެ. އަދި ބަލި ޖެހޭ މީހުން ހޮސްޕިޓަލުގައި އެޑްމިޓުކޮށް، އޮކްސިޖެން ދޭން ޖެހޭ ފަދަ ހާލަތަކަށް ދިޔުމުގެ ކުރިންނެވެ.
މީގެ އިތުރުން އެ ފަރުވާ ދޭން ހަމަޖެހިފައި ވަނީ ކޮވިޑް ޖެހުމުން ހާލު ސީރިއަސް ވުމުގެ ނުރައްކާ އޮންނަ، 12 އަހަރުން މަތީގެ ކުދިންނާއި މީހުންނަށެވެ. އޭގެ ތެރޭގައި 65 އަހަރުން މަތީގެ މީހުންނާއި ހަކުރު ބައްޔާއި ހިތުގެ ބަލިތަކާއި ކިޑްނީގެ ބަލިތައް ފަދަ ބަލިތައް ހުންނަ މީހުން ހިމެނެ އެވެ.
މިދިޔަ މަހު ރައީސް ޓްރަމްޕް ކޮރޯނާވައިރަހަށް ޕޮޒިޓިވްވި ފަހުން އޭނާ ވަނީ ރެޖެނެރޮންގެ އެންޓިބޮޑީ ފަރުވާއަށް ތައުރީފް ކުރައްވާ، އޭނާގެ ހާލުކޮޅު ރަނގަޅުވީ އޭގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި އެފްޑީއޭގެ ވަގުތީ ހުއްދައެއް އެ ފަރުވާއަށް ހޯއްދަވާ، ހިލޭ ލިބޭނެ ގޮތް ހައްދަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރެޖެނެރޮން އިން ބުނި ގޮތުގައި އެ ކުންފުނީގެ އެންޓިބޮޑީ ފަރުވާ 80،000 މީހުންނަށް ދެވޭ ވަރަށް މި މަސް ނިމުމުގެ ކުރިން ތައްޔާރު ކުރެވޭނެ އެވެ. އަދި ޖެނުއަރީ މަސް ނިމެންވާ އިރަށް 300،000 މީހުންނަށްވާ ވަރަށް ޑޯޒް ހަމަވާނެ އެވެ.
ރެޖެނެރޮން އިން ބުނި ގޮތުގައި އޭގެ ތެރެއިން ފުރަތަމަ 300،000 ޑޯޒް ސަރުކާރުން ފޯރުކޮށްދޭނީ ހިލޭ އެވެ. ނަމަވެސް އެ ފަރުވާ މީހުންނަށް ދިނުމަށް ސިއްހީ އިދާރާތަކުން ފީއެއް ނެގުން އެކަށީގެންވެ އެވެ.
އެމެރިކާގައި މިހާރުވެސް ކޮރޯނާވައިރަސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ފާއިތުވި ދެ ދުވަސް ތެރޭ އެކަނިވެސް 360،000އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވި އެވެ. އެގައުމުން މިހާތަނަށް 12.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު ބަލިން ރަނގަޅުވެފައި ވަނީ ހަތް މިލިއަން މީހުންނެވެ. އަދި އެގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 261,000 ހުރަސްކޮށްފަ އެވެ.