22 Nov 2020, 14:46
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއަށް ދޭ "ގޯލްޑެން ބޯއީ" ގެ 2020 ވަނަ އަހަރުގެ އެވޯޑް ހޯދި ބްރޯޝިއާ ޑޯޓްމަންޑުގެ ނޯވޭ ފޯވާޑް އާލިންގް ހާލަންޑް ރޭ ޖަރުމަނު ބުންޑެސްލީގާގެ މެޗެއްގައި ހަތަރު ގޯލު ޖަހައިފި އެވެ.
އިޓަލީގެ މަޝްހޫރު ނޫހެއް ކަމަށްވާ ޓޫޓޯ ސްޕޯޓްސްއިން ދޭ ގޯލްޑެން ބޯއީގެ އެވޯޑް ހާލަންޑަށް ލިބުނީ އިއްޔެ އެވެ. އެކަމުގެ އުފަލުގައި އޭނާ ވަނީ ރޭ ހާތާ ބާލިން ދަނޑުގައި 5-2 އިން ޑޯޓްމަންޑް މޮޅުވި މެޗުގައި ހަތަރު ގޯލު ޖަހައި، އެ އެވޯޑުގެ ފުރިހަމަ ހައްގުވެރިއަކީ އޭނާކަން ސާބިތުކޮށްދީފަ އެވެ،
ހާތާ ބާލިން ދަނޑުގައި ރޭ ކުޅުނު މެޗުގެ 33 ވަނަ މިނިޓްގައި މަތިއަސް ކޫނިއާ ވަނީ އެ ޓީމަށް ލީޑުނަގައިދީފަ އެވެ. އެކަމަކު ހާލަންޑުގެ ޖާދުލާއެކު، ދެވަނަ ހާފު ފެށިގެން 15 މިނަޓުގެ ތެރޭގައި އޭނާ ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އެއަށްފަހު ރަފައެލް ގަރޭރޯ މެޗުގެ 70 ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، ހާލަންޑް ވަނީ އޭގެ ނުވަ މިނިޓް ފަހުން އިތުރު ލަނޑެއް ޖަހައިފަ އެވެ.
ރޭގެ މެޗުގައި ހާތާ އިން ޖެހި ދެ ވަނަ ގޯލަކީ ޕެނަލްޓީ އަކުން ކޫނިއާ ކާމިޔާބުކުރި ގޯލެކެވެ.
ކުރު މުއްދަތެއްގެ ތެރޭގައި މުޅި ޔޫރޮޕުގެ ކަޅި ހުއްޓުނު ހާލަންޑް ވަނީ މިދިޔަ ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި ޖުމުލަ 44 ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން 16 ގޯލަކީ އޮސްޓްރިއާގެ ސަލްޒްބާގުން ޑޯޓްމަންޑަށް ބަދަލުވިފަހުން ކުޅުނު 18 މެޗުގައި އޭނާ ޖެހި ގޯލުތަކެވެ.
އަދި އެހެންމެ، ހާލަންޑް ވަނީ މި ސީޒަނުގައި މިހާތަނަށް ކްލަބާއި ގައުމީ ޓީމަށް ކުޅުނު 17 މެޗުން 21 ގޯލު ޖަހައިފަ އެވެ.
ހާލަންޑުގެ ކުޅުމަށް ދުނިޔޭގެ އެންމެ މަގުބޫލު ކޯޗުންނާއި، ކުޅުންތެރިންގެ ތައުރީފް ލިބިފައިވާ އިރު، މެންޗެސްޓާ ޔުނައިޓެޑާއި، ރެއާލް މެޑްރިޑް ފަދަ ބޮޑެތި ކުލަބުތަކުން ވެސް އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އަދި ހާލަންޑް 2022 ވަނަ އަހަރު ގެންދިއުމަށް ރެއާލްމެޑްރިޑުން ޕްލޭނެއް ހަދަމުން އަންނަ ކަމަށާއި، އެހެން ނަމަވެސް ހާލަންޑް މިވަގުތު ސޭލުގައި ނެތް ކަމަށް ޑޯޓްމަންޑުން ވަނީ މިފަހުން ބުނެފަ އެވެ.