22 Jan 2012, 18:11
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ]އަބުދުﷲ ގާޒީ[ ހައްޔަރުކުރި ކުރުމަކީ ގާނޫނާ ހިލާފުކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު މިއަދު ދެއްކެވި ވާހަކަފުޅު ކުށްވެރިކޮށް، ގައުމީ ޕާޓީން ބަޔާނެއް ނެރެފި އެވެ.
ފޮރިން މިނިސްޓްރީގައި މިނިސްޓަރު ނަސީމު މިއަދު ބޭއްވެވި ނޫސްކޮންފަރެންސް ނިންމަވާލެއްވިތާ ކުޑައިރުކޮޅެއްގެ ފަހުން ގައުމީ ޕާޓީން އެ ޕާޓީގެ ވެބްސައިޓްގައި އާއްމުކުރި ބަޔާނުގައި ބުނަނީ އަބުދުﷲ ގާޒީ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށް ނަސީމު ވިދާޅުވި ވިދާޅުވުމަކީ "ދަށު ދަރަޖައިގެ ހުތުރު" އަމަލެއް ކަމަށެވެ.
ބަޔާނުގައި އަދި ބުނަނީ ގައުމު ހިފިހެއްޓިގެން ނުވާނެ ހައްގުތަކެއް އަބްދުﷲ ގާޒީގެ ކިބައިން ނިގުޅައިގަނެވިވާ ހިނދު، ނަޝީދުގެ ސަރުކާރުގެ އިސް ބޭފުޅުން އެ ހުތުރު އަމަލަކީ ކުށެއްނޫން ކަމަށް ދެއްކުމަށް ދައްކަމުންދާ ވާހަކަތަކާއި ބަހަނާތަކަކީ ގާނޫނާ ޚިލާފުވުމަށާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ނަޝީދުގެ ސަރުކާރުން ފެންބޮވައިގެންފާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
"ގައުމު ހަނގުރާމައިގެ ހާލަތުގައި ނުވަތަ ކުއްލި ހާލަތު އިއުލާންކުރެވިފައިވާ ހާލަތުގައި ވެސް ހިފިހެއްޓިގެންނުވާނެ ހައްގުތަކެއް އަބްދުﷲ ގާޟީގެ ކިބައިގެން ނިގުޅައިގަނެވިވާ ހިނދު، ނަޝީދުގެ ސަރުކާރުގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭބޭފުން، މިހުތުރުއަމަލަކީ ކުށެއްނޫން ކަމަށް ދެއްކުމަށް ދައްކަމުންދާ ވާހަކަތަކާއި ބަހަނާތަކަކީ ގާނޫނާއި ޚިލާފުވުމަށާއި ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމަށް ނަޝީދުގެ ސަރުކާރުން ފެންބޮވައިގެންފާ މިންވަރު ހާމަވެގެންދާ އަލިގަދަ ދަލީލެކެވެ،" ގައުމީ ޕާޓީގެ ބަޔާނުގައިވެ އެވެ.
ސުޕުރީމްކޯޓުން ކުރާ އަމުރުތަކަށް ތަބާނުވުމުގެ ހުއްޖަތަކީ ފޮރިން މިނިސްޓަރީގެ ވަކީލުންކަމުގައި ދެއްކުމަކީ މިނިސްޓަރު ނަސީމް ކުރައްވާ ފިނޑިމަލެއް ކަމަށާއި ސަރުކާރުގެ ވަޒީރުން ސުޕުރީމްކޯޓުގެ އަމުރުތަކަށް ގޮންޖައްސަވައި ގާނޫނާއި ޚިލާފު އަމަލުކުރުމަށް ހިތްވަރުލިބޭ ފަދަ ވާހަކަތައް ދައްކަވާ ދެއްކެވުން ތަހުގީގުކޮށް ބެލެންޖެހޭނެ ކަމަށް އެ ޕާޓީ އިން ދެކޭ ކަމަށް ގައުމީޕާޓީގެ ބަޔާނުގައިވެ އެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި މިނިސްޓަރު ނަސީމު ވިދާޅުވީ އެމްއެންޑީއެފުން އަބުދުﷲ ގާޒީ ހައްޔަރުކުރީ އެކަމުގައި އެމްއެންޑީއެފްގެ އެހީއަށް ފުލުހުން އެދުމުން ކަމަށާއި އެއީ ގާނޫނާ ހިލާފުކަމެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމަކީ ގާނޫނާ ހިލާފު ކަމެއްތޯ ނުވަތަ ނޫންތޯ ސުވާލުކުރަން އެންމެ ރަނގަޅު ބޭފުޅަކީ ދައުލަތުގެ އެޓާނީ ޖެނެރަލް ކަމަށާއި އެމްއެންޑީއެފުން އަބުދުﷲ ގާޒީ ހައްޔަރުކުރުމަކީ ގާނޫނާ ހިލާފު ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަ ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ރާއްޖޭގެ ބައެއް ގާނޫނީ ވަކީލުންނާއި ފޮރިން މިނިސްޓްރީގައި މަސައްކަތްކުރައްވާ ވަކީލުންގެ ވާހަކަތަކަށް ބައްލަވާފައިވާ ކަމަށެވެ.