22 Jan 2012, 17:54
ލަންޑަން (ޖަނަވަރީ 22) : ސޫރިޔާގެ ކަންތައްތަކުގެ ތެރެއަށް ޢަސްކަރީ ގޮތުން ވަނުމުގެ ވިސްނުމެއް ހުޅަނގުން ނުގެންގުޅޭކަމަށް އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވިދާޅުވެއްޖެވެ. "ސްކައިނިއުޒް" އަށް ދެއްވި ބަސްދީގަތުމެއްގައި ހެގް ވިދާޅުވީ ސޫރިޔާއަށް ޢަސްކަރީގޮތުން ވަނުމުގެ އިތުރުން އެޤައުމުގެ ޖައްވުގައި އުދުހުން މަނާސަރަޙައްދެއް ޤާއިމްކުރުމުގެ ވިސްނުމެއްވެސް ހުޅަނގުން ނުގެންގުޅޭ ކަމުގައެވެ.
ހެގް މިހެން ވިދާޅުވީ ސޫރިޔާއާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން އެއްވެސް ޤަރާރެއް ފާސްކުރުމަށް ހުޅަނގު ނުކުޅެދިފައިވުމުގެ އިތުރުން ސޫރިޔާގެ ކަންތައްތަކުގެ ތެރެއަށް ވަނުމުގެ ފުރްސަތު ހުޅަނގަށް ނުދޭނެކަމުގެ އިންޒާރު ރަޝިޔާއިން ދީފައިވަނިކޮށެވެ. "ސްކައިނިއުޒް" އަށް ދެއްވި ބަސްދީގަތުމުގައި ހެގް ވިދާޅުވީ ސޫރިޔާގެ މައްސަލާގައި އދ. ގެ ސަލާމަތީ މަޖިލީހުން ޤަރާރެއް ފާސްކުރުމުގެ ފުރްސަތު ހުޅަނގަށް ލިބޭނެހެން ހީނުވާކަމަށާއި އެހެންކަމުން ސޫރިޔާއަށް ޢަސްކަރީގޮތުން ވަނުމުގެ އެއްވެސް ވިސްނުމެއް ހުޅަނގުން ނުގެންގުޅޭކަމުގައެވެ.
ރަޝިޔާއިން ގެންދަނީ ލީބިޔާގެ މައްސަލާގައި ދޫދިންނަމަވެސް ސޫރިޔާގެ މައްސަލާގައި ހުޅަނގަށް ކުޑަވެސް ދުލެއްނުދޭނެކަން ހާމަކުރަމުންނެވެ. ރަޝިޔާއާއި ޗައިނާވަނީ ސޫރިޔާގެ ވެރިން ކުށްވެރިކުރުމަށް އެމެރިކާއާއި އިނގިރޭސިވިލާތް އިސްވެ އޮވެގެން ހުށަހެޅި ޤާރާރެއްގެ ދެލިކޮޕީއާ ދެކޮޅަށް ސަލާމަތީ މަޖިލީހުގައި ވީޓޯކޮށްފައެވެ. (އަލްޢާލަމް)