ބޮލީވުޑްގެ ކާމިޔާބު އެކްޓަރު އަޖޭ ދޭވްގަން ޑައިރެކްޓްކުރާ ފިލްމު "މޭޑޭ"ގެ އަންހެން ލީޑަށް ރަކުލް ޕްރީތު ހަމަޖައްސައިފިއެވެ.

ލެޖެންޑަރީ ތަރި އަމީތާބު ބައްޗަން ލީޑު ރޯލުން ފެނިގެންދާ މި ފިލްމަށް ރަކުލް މިހާރު ހަމަޖައްސިކަން ކަށަވަރުވެފައިވާއިރު ފިލްމުން ފުރުސަތު ލިބުމާ ގުޅިގެން ރަކުން ވަނީ އަޖޭ އަށް ޝުކުރުއަދާކޮށްފައެވެ.

ރަކުލް ބުނީ އަޖޭ އާއެކު އޭނާ މީގެ ކުރިން ވެސް މަސައްކަތްކޮށްފައިވާނެ ކަމަށާއި އަނެއްކާވެސް އަޖޭ އާއެކު މަސައްކަތް ކުރަން ލިބުމުން ވަރަށް އުފާވާކަމަށެވެ. އެކްޓަރަކަށް ވާން ނިންމި ދުވަހުން ފެށިގެން ވެސް އަމީތާބް ސާ އާއެކު މަސައްކަތް ކުރުމުގެ ހުވަފެން ދެކުނު ކަމަށާއި އަދި މިއަދު އެ ހުވަފެން ކާމިޔާބުވެއްޖެ ކަމަށެވެ.

އަންނަ މަހު ޝޫޓިން ފަށާ މި ފިލްމަކީ އިންޑިއާގެ ހައިދަރުއާބާދުގައި ޝޫޓްކުރާ ފިލްމެކެވެ. އެކްޓަރު އަޖޭ އެންމެ ފަހުން ޑައިރެކްޓްކުރީ 2016 ވަނަ އަހަރު ނެރުނު "ޝިވާއޭ" އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފިލްމުގެ މުހިއްމު ރޯލަކުން އަޖޭވެސް ފެނިގެންދާއިރު ފިލްމުގައި އޭނާ ކުޅޭނީ ޕައިލެޓެއްގެ ރޯލެވެ.