ބެންގކޮކް (ޖަނަވަރީ 22) : ތައިލެންޑުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެއްޖެވެ. މިކަން ހާމަކޮށްފައިވަނީ ތައިލެންޑްގެ ސަރުކާރުން ފަލަސްތީނުގެ ޒާތީ އިދާރާއަށް ފޮނުވި ސިޓީއެއްގައެވެ.

މިސިޓީގައި، 1967 ގައި އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާ ހިމެނޭގޮތަށް އިޢްލާންކޮށްފައިވާ ފަލަސްތީނުގެ މިނިވަން މުސްތަޤިއްލު ދައުލަތަށް ތައިލެންޑުން އިޢްތިރާފްވާކަން ތައިލެންޑްގެ ސަރުކާރުން ބުނެފައިވާ ކަމަށް ފަލަސްތީނުގެ ނޫސްއެޖެންސީ "ވަފާ" ޚަބަރުދެއެވެ.

ތައި ސަރުކާރުން ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވުމުން ފަލަސްތީނުގެ ރައީސް މަޙްމޫދް ޢައްބާހާއި ޚާރިޖީވަޒީރު ރިޔާޒް އަލްމާލިކީވަނީ ތައިލެންޑްގެ ބޮޑުވަޒީރާ ޔަންޖްލިކް ޝިނަވަޓްރާއަށް ފޯނުންގުޅުއްވައި އެކަމަނާއަށާއި ތައިލެންޑްގެ ރަސްގެފާނަށާއި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.

ތައިލެންޑަކީ ފަލަސްތީނުގެ މިނިވަން ދައުލަތަށް މިހާތަނަށް އިޢްތިރާފްވި 131 ވަނަ ދައުލަތެވެ. 1988 ގައި ޕީ.އެލް.އޯ. އިން އިޢްލާންކުރި ފަލަސްތީނުގެ މިނިވަން ދައުލަތުގެ ބިންތައް އިސްރާއީލުގެ އިސްތިޢްމާރުގެ ދަށުގައިވީނަމަވެސް އިސްލާމީ ހުރިހާ ޤައުމުތަކުންނާއިތަރައްޤީވަމުންއަންނަ ގިނަޤައުމުތަކުންވަނީ މިދައުލަތަށް އިޢްތިރާފްވެފައެވެ. ފަލަސްތީނުގެ ދައުލަތަށް އިޢްތިރާފްވުމަށް ފާޅުގައި ދެކޮޅުހަދަނީ ހުޅަނގު ޔޫރަޕްގެ ޤައުމުތަކުންނާއި އެމެރިކާއާއި ކެނެޑާއާއި އޮސްޓްރޭލިޔާއާއި ނިއުޒިލޭންޑްފަދަ ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ނުފޫޒުގަދަ ޤައުމުތަކުންނެވެ.

އިރުމަތީ ޔޫރަޕްގެ ޤައުމުތަކާއި އުތުރު ޔޫރަޕްގެ ޤައުމެއް ކަމަށްވާ އައިސްލެންޑުންވެސްވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އިޢްތިރާފްވެފައެވެ. ފަލަސްތީނުގެ މިނިވަން ދައުލަތުންވަނީ އދ. ގެ މެންބަރަކަށް ވުމަށްއެދި މިދިޔަ ސެޕްޓެމްބަރ މަހުގެ 23 ވަނަ ދުވަހު އދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފައެވެ. (އަލްޢާލަމް)