22 Jan 2012, 17:33
އަންނަ ފެބްރުއަރީ 24ގައި މި ސަރުކާރު ނިމިގެން ދިޔުމަކީ ވަރަށް ގާތް ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ޕާޓީތަކާއި މަދަނީ އިއްތިހާދު ގުޅިގެން ފެބްރުއަރީ 24ގައި ބާއްވާ "ބޮޑު މަހާސިންތާ"އަށް އިޝާރާތް ކުރައްވައި މަހުލޫފު ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބުގެ ކުރިން އަންނަ ފެބްރުއަރީ 24ގައި ސަރުކާރު ނިމިގެންދިއުން ވަރަށް ގާތް ކަމަށެވެ.
ޝަރުއީ ދާއިރާއަށް މި ސަރުކާރުން ބިރު ދައްކާ ދަނޑިވަޅެއްގައި ވެރިކަން ބަދަލުވެއްޖެ ނަމަ، އަބްދުﷲ ގާޒީ މިނިވަންކޮށް ކްރިމިނަލް ކޯޓްގެ އިސް ގާޒީ ކަމަށް ގެންނާނެ ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.
"...ކުރިއަށް އޮތް މަސްތެރޭގައި ވެސް، 24 ފެބްރުއަރީގައި ވެސް ސަރުކާރު ނިމިގެންދިއުމަކީ ވެސް ވަރަށް ގާތް ކަމެއް. އޭގެ ފަހުން އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި [އަބްދުﷲ ގާޒީ]ކްރިމިނަލް ކޯޓްގައި އިންނަވާނެ،" ޕީޕީއެމްގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަހުލޫފު ވިދާޅުވި އެވެ.
"ރައީސް ނަޝީދު ރާއްޖޭގެ ގާނޫނު އަސާސީ މުގުރާލައި، ރާއްޖޭގެ އިސްލާމްދީން ބަލިކަށިކޮށްލުމާ" ގުޅިގެން ރައީސް ނަޝީދު އުމުރަށް ޖަލަށްލުމަށް ކޯޓުން ހުކުމް ކުރާ ދުވަހަކީ އެންމެ ދެކެން ބޭނުންވާ ދުވަސް ކަމަށް ވެސް މަހުލޫފު ވިދާޅުވި އެވެ.
މަހުލޫފުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޑިމޮކްރަސީއެއްގައި ސަރުކާރު ވައްޓާލުމުގެ އުންމީދު އޮތުމަކީ މައްސަލައެއް ނޫން ކަމަށާއި އަދި އެއީ އެކަން އޮންނަން ޖެހޭނެ ގޮތް ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރު ވައްޓާލާ ވާހަކަ ދައްކާ އިރު، ގާނޫނީ ހަމައިން ސަރުކާރު ވައްޓާލާ ވާހަކަ ދައްކަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އުގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމް އަލީ ވިދާޅުވީ ގާނޫނު އަސާސީގެ ހުދޫދުން ބޭރުން ރައީސް ނަޝީދު އަމަލްފުޅު ކުރައްވަނީ އެމަނިކުފާނުގެ "ނުލަފާކަން ދެއްކުމަށް" ކަމަށެވެ. އަދި ވިދާޅުވީ އަބްދުﷲ ގާޒީގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވުމާ ގުޅިގެން ޖޭއެސްސީއިން އޭނާއާމެދު ފިޔަވަޅު އަޅަން ނިންމުމުން ޝަރުއީ މަރުހަލާއިން ވަކިގޮތެއް ކަނޑަނާޅަނީސް ޖޭއެސްސީގެ ނިންމުމަށް އަމަލު ކުރުމަށް ރައީސް ނަޝީދު ބާރު އެޅުއްވުމަކީ ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.