21 Nov 2020, 14:44
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އިންސްޓިޓިއުޓް ފޮ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކެނެޑިއަން ސްޕޭސް އޭޖެންސީގެ ޖޫނިއާ އެސްޓްރޯނަޓް ޕްރޮގްރާމް ރާއްޖޭގައި މިއަދު ލޯންޗުކޮށްފި އެވެ.
އެ ޕްރޮގްރާމް މިއަދު ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ޔޫތު ސެންޓަރުގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގްރާމްގެ ދަށުން ދަށާ ފުރަތަމަ އެސްޓްރޯނަޓް ޕްރޮގްރާމް ކުރިއަށްދާނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ކަމަށް އައިޖީއެސް އިން ބުނެއެވެ.
އައިޖީއެސްއިން ބުނެފައިވަނީ އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ގްްރޭޑް ހަތަކުން ފެށިގެން ގްރޭޑް ނުވައެއްގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކަމަށެވެ. އެ ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އޭޖެންސީގެ ސެޓްފިކެޓް ލިބޭނެ ކަމަށް އައިޖީއެސް އިން ބުނެއެވެ.
އެ ޕްރޮގްރާމް ލޯންޗުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެސްގެ ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ ޕްރޮގްރާމަކީ އެސްޓްރޯނަޓުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ.
"މި ޕްރޮގްރާމު ފުރިހަމަ ކުރާ ދަރިވަރުންނަށް ނާސާގައި އިތުރު ތަމްރީނު ހެދުމުގެ ފުރުސަތު ލިބޭނެ. އޭގެތެރޭގައި ޒީރޯ ގްރެވިޓީގައި ޓާސްކްތައް ފުރިހަމަ ކުރުމުގެ އަމަލީ ތަޖުރިބާ ހޯދުން ވެސް ހިމެނޭ. އެހިސާބުން ކުދިން ނަށް އިތުރު ޔަގީން ކަމެއް ލިބިގެނ ދާނެ މި ރޮނގުން ކުރިއަށް ދެވޭނެކަން،" އޭނާ ވިދާޅުވިއެވެ.
އައިޖީއެސް އިން ވަނީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ސްޕޭސް ޕްރޮގްރާމެއް ލޯންޗުކޮށްފައެވެ.
އެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.