22 Jan 2012, 17:23
ގައުމީ ޕާޓީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރާ މެދު ނަފުރަތު އުފެއްދި ކަމަށް ބުނެ، އެ މައްސަލައިގެ ތަހްގީގު ނިންމުމަށް ފަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ތަހްގީގު ނިންމުމަށް ފަހު ޖަމީލްގެ މައްސަލަ މިއަދު ޕީޖީއަށް ހުށަހަޅާފައިވާ ކަމަށެވެ.
ފުލުހުން ޖަމީލްގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ ރައްޔިތުންގެ ހިތްތަކުގައި ދިވެހި ސަރުކާރާ މެދު ނަފްރަފް އުފައްދައި، ގައުމުގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ވާހަކަ ދައްކަވައި، ދީނީ އެއްބައިވަންތަ ކަން ނަގާލަން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ ކުރާ ތުހުމަތުތެވެ.
ސާބިތު ނުހިފޭ ވާހަކަތަކެއް ދައްކާފައިވާ ކަމަށް ބުނެ ފުލުހުން ޑރ. ޖަމީލް ފަސް ފަހަރެއްގެ މަތިން ޗިޓް ފޮނުވައިގެން ފުލުހުންގެ އިދާރާ އަށް ހާޒިރުކުރުމަށް ފަހު ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ. އަދި އެއިން ކޮންމެ ފަހަރަކު ވެސް ފުލުހުން ޖަމީލް ދޫކޮށްލާފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ.
ޑރ. ޖަމީލު މިއަދު ވިދާޅުވީ ސަރުކާރާ މެދު ނަފުރަތު އުފެއްދުމުގެ ވާހަކަ ދައްކާ ކަމަށް ބުނެ ދައުވާ އުފުލުމަކީ "ތާކުންތާކު ނުޖެހޭ މޮޔަ ވާހަކައެއް" ކަމަށާއި މިހާރު ބަލައިގެންފައިވާ ގާނޫނު އަސާސީ އިން ހިޔާލުފާޅުކުރުމަށް ދީފައިވާ މިނިވަން ކަމަކީ، ހިޔާލުކޮށް، ސަރުކާރުތައް ކަމުނުދާ ކަމަށް ވާނަމަ ސަރުކާރުތައް ވައްޓާލުމަށް ވާހަކަ ދެއްކުމަށް އިހުތިޔާރު ދީފައި އޮތް ގާނޫނު އަސާސޫއެއް ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރާ މެދު ނަފުރަތު އުފައްދާ ކަމަށް ބުނެ ދައުވާ ކުރަނީ ގޮތް ހުސްވުމުން ކަމަށެވެ.