ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ރަށްފަޅުހުރާއިން ޕޮޒިޓިވްވީ މީހުންގެ އަދަދު 90 އިން މައްޗަށް އަރައިފިއެވެ.

ރިޒް ކާލްޓަން އިން ތަރައްގީ ކުރާ ކ.ރަށްފަޅުހުރާއިން މިމަހުގެ 15 ވަނަ ދުވަހު 26 މީހަކު ޕޮޒިޓިވްވިއެވެ. އެއީ އެދުވަހު ނެގި 249 ސާމްޕަލްގެ ތެރެއިންނެވެ.

އޭގެ ފަހުން އެރަށުން ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ދިޔައީ ކުރަމުންނެވެ.

ހަތަރު ރަށެއް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުން ދިޔަ ރަށްފަޅުހުރާގައި 2000 އެއްހައި މީހުން ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއީއޯސީން މީގެ ކުރިން ބުނެފައިވެއެވެ.

މިމަހުގެ 15 އިގެ ފަހުން އިތުރު ބަޔަކު އަނެއްކާވެސް އެރަށުން ޕޮޒިޓިވްވިއެވެ. އިއްޔެވެސް އެރަށުން ވަނީ 15 މީހަކު ޕޮޒިޓިވްވެފައެވެ. އަދި މިއަދު ވަނީ ހަމަ އެރަށުން 42 މީހަކު ޕޮޒިޓިވްވެފައެވެ. އެއާއެކު އެރަށުން ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 95 އަކަށް އަރައިފައެވެ.

މިއީ މިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ކްލަސްޓާއެވެ. ރަށްފަޅުހުރާއާ ޖެހިގެން ދެން އެންމެ ބޮޑު ކްލަސްޓާއެއް އެންމެ ފަހުން ފެނުނީ އެއާޕޯޓް ކާގޯއިންނެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިފައިވާ 12،546 މީހަކު ފެނިފައިވާއިރު ބަލީގައި 45 މީހުން ވަނީ މަރުވެފައެވެ.