20 Nov 2020, 22:04
މިއަދު ރާއްޖެއިން ކޮވިޑަށް19އަށް 94 މީހަކު ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 49 މީހަކު ޕޮޒިޓިވްވީ މާލެ ސިޓީންނެވެ.
މިއީ އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދާ އަޅާ ބަލާއިރު، 26 ކޭސްގެ އިތުރުވުމެކެވެ. އިއްޔެ ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދަކީ 68 އެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިއަދު ނެގި 1،678 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ، 38 ދިވެހިންނާއި 56 ބިދޭސީން އެވެ.
މާލެ ސަރަހައްދުން 49 މީހަކު ޕޮޒިޓިވްވިއިރު، އަތޮޅު ތެރެއިން ޕޮޒިޓިވްވީ 45 މީހެކެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،546 އަށް އަރާފައެވެ.
މިއަދު ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ، 22 އެވެ. އެއާއެކު މިހާތަނަށް ޖުމްލަ 11،497 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ބައްޔަށް ފަރުވާ ދެމުންދާ މީހުންގެ އަދަދަކީ، 997 އެވެ. އޭގެ ތެރެއިން 80 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކުރެވިފައިވަނީ 320 މީހުންނެވެ.
މިހާތަނަށް ބަލީގައި މަރުވި މީހުންގެ އަދަދަކީ، 45 އެވެ.
މިއަދު ރާއްޖެއިން 94 ކޭސް ފެނުނު އިރު، މިފަހުން އެންމެ ގިނަ އަދަކަށް މީހުން ޕޮޒިޓިވްވެފައިވަނީ މިދިޔަ ހޯމް ދުވަހުއެވެ. އެއީ 110 ކޭސް އެވެ.