20 Nov 2020, 20:48
މޯލްޑިވްސް ރިފޯމް މޫމަންޓް (އެމްއާރުއެމް) އަކީ ސަރުކާރު ކޯލިޝަނުގެ މުހިއްމު ބައިވެރިއެއް ކަމަށާއި ސަރުކާރަށް ތާއީދުކޮށް ކޯލިޝަން ސަރުކާރު ދެމެހެއްޓުމުގައި ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންނަށް ހިދުމަށްކޮށްދިނުމަށް އެ ޕާޓީ އިންް މި ސަރުކާރާއެކު ދެމި އޮންނާނެ ކަމަށް އެމްއާރުއެމް އިން ބުނެފިއެވެ.
އެމްއާރުއެމްގެ ފުރަތަމަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާންމު ކުރި ނޫސްބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކުރުމުގައި، އެ ޕާޓީ އިން ވަރަށް މުހިންމު ދައުރެއް އަދާކުރި ކަމަށެވެ.
އެމްއާރުއެމް އުފެދުނީ ގައުމީ މުހިއްމު އިސްލާހީ ހަރަކާތްތަކެއްގެ ތެރެއިން ކަމަށާއި ގީޕާޓީގެ އެންމެ މުހިއްމު އަސާސަކީ، ރާއްޖެއަކީ އިސްލާމްދީނުގެ އަޤީދާގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމާއެކު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށް، ދިވެހީންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުގައި ރާއްޖެ ދެމެހެއްޓުން ކަމަށް އެ ޕާޓީ އިން ބުންޏެވެ.
"އެހެންކަމުން އެމްއާރުއެމް މަސައްކަތްކުރާނީ ގައުމަށް މަންފާކުރާ، ގައުމުގެ ރައްޔިތުންނަށް ހެވާއި ލާބަ ލިބޭނެ ގޮތްތަކާއި ކަންކަމަށް އިސްކަންދީގެން" އެމްއާރުއެމް އިން ނެރުނު ބަޔާނުގައި ބުންޏެވެ.
އެމްއާރުއެމް އިން ބުނ ީއެ މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ޑިމޮކްރަސީ ގެ ހަމަތަކުގެ މަތިން އިސްލާހަށް ކުރެވޭ މަސައްކަތް ކަމަށާއި ދައުލަތް ހިންގުމުގެ ތިން ބާރު ވަކިކުރެވިފައިވާ ނިޒާމެއްގެ ދަށުން، ގާނޫނީ ހުކޫމަތު ދެމެހެއްޓުމާއި، އަދުލު އިންސާފު ކަށަވަރުކުރުމާއި، ވައްކަމާއި ކޮރަޕްޝަން ހުއްޓުވުމާއި، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމާއި، އަންހެނުންނާއި ކުޑަކުދިންނާއި، ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާއި ދޮށީއުމުރުގެ މީހުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އެ ޕާޓީގެ އަސާސްތައް ކަމަށެވެ.
އެމްއާރުއެމްގެ އިން ވަނީ އެ ޕާޓީގެ އިސްލާޙީ ހަރަކާތުގައި ދެގޮތެއްނުވެ ތިބި އެ ޕާޓިގެ މެންބަރުންނަށް ވަރަށް ޝުކުރެއް އަދާކޮށްފައެވެ. އެ ޕާޓީ އިން ބުނީ ޕާޓީގެ ރޫހަކީ ޕާޓީގެ މެންބަރުން ކަމަށެވެ.
އެމްއާރުއެމް އުފެއްދެވުމުގައި އިސްކޮށް ހުންނެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.