20 Nov 2020, 18:02
ތައުލީމީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށްވާ ޑރ. އާމާލް އަލީ، ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ޗީފް ލައިބްރޭރިއަންގެ މަގާމަށް އައްޔަނުކުރައްވައިފި އެވެ.
ގައުމީ ޔުނިވާސިޓީއިން ބުނެފައިވާގޮތުގައި ޑރ. އަމާލް، ޗީފް ލައިބްރޭރިއަންގެ މަގާމަށް ހަމަޖައްސާފައިވަނީ އިއްޔެ އެވެ.
ޗީފް ލައިބްރޭރިއަންއެއްގެ ގޮތުގައި، ގައުމީ ޔުނިވާސިޓީގެ ލައިބްރަރީގެ މަސައްކަތްތައް ބަލަހައްޓައި އެކަންތައްތައް ރޭވުމުގެ މަސައްކަތް ޑރ. އަމާލް ކުރައްވާނެއެވެ.
ޑރ. އަމާލް އަކީ ސަރުކާރަށް ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން ޑރ. އާމާލް އަލީ ވަނީ، ކުރީގެ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުގެ މަގާމުގައި މަސައްކަތް ކުރައްވާފައެވެ. އޭގެއިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނެންޓް ސެކްރެޓަރީގެ މަގާމުވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
ޑރ. އަމާލް އަކީ އެމްއައި ކޮލެޖުގެ ރެކްޓާކަމުގެ މަގާމުގައިވެސް މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.