22 Jan 2012, 16:38
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މ. އެންދެރިމާގޭ ކައިރިއަށް އެއްވެ އެމްޑީޕީ މީހުން މުޒާހަރާ ކުރަނިކޮށް ލަކުޑި ބުރިއެއް އެއްލި ކަމަށް ތުހުމަތުކޮށް ޣައްސާން މައުމޫން ހައްޔަރުކުރި މައްސަލައިގައި އެ މައްސަލަ ބެއްލެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހުގެ މައްޗަށް ބަދަލު ހޯދުމަށް ޣައްސާން ކުރި ދައުވާގެ ޝަރީއަތް މިއަދު ފަށައިފި އެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ހުށަހަޅުއްވަމުން ޣައްސާން މައުމޫންގެ ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ވިދާޅުވީ ޣައްސާން ހައްޔަރުކުރުމުގައި ޖިނާހު ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރާއި އިހުތިސާސްތަކުގެ ބޭރުން އަމަލުކޮށްފައިވާ ކަމަށެވެ.
ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ބާރާ އިހުތިސާސްތަކުގެ ބޭރުން ޖިނާހު އަމަލުކޮށްފައިވާ ކަން ކަނޑައަޅައި ދެއްވައި އެކަމުގެ ސަބަބުން ޣައްސާނަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް ވެސް ޣައްސާންގެ ވަކީލު ވައްޑޭ ވަނީ އެދިވަޑައިގެންފަ އެވެ.
ޣައްސާން މައުމޫން ހައްޔަރުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައި ވަނީ އޭނާ ހައްޔަރު ކުރީ ގާނޫނު އަސަސީގައި މީހަކު ބަންދު ކުރެވިދާނެ ކަމަށް ބުނެފައިވާ ހަމަތަކާ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާ ހިލާފަށް ކަމަށް ބުނެ އެވެ.
ޖިނާހުގެ ވަކީލު މަޒްލާން ރަޝީދު ވިދާޅުވީ އަދާ ކުރާ ވަޒީފާގެ ހައިސިއްޔަތުން ޖިނާހު ކުރާ ތަހުގީގެއް ކުރިއަށް ގެންދާ ގޮތަކުން ނުވަތަ އެނޫން ވެސް އެހެން ކަމެއްގެ ސަބަބުން ވަކިފަރުދެއްގެ މައްޗަށް ދައުވާ އުފުލިގެން ނުވާނެ ކަމަށެވެ.
ސިވިލް ކޯޓުގެ ގާޒީ މިއަދުގެ އަޑުއެހުން ނިންމަވާލެއްވީ ދައުވާއަށް ޖަވާބުދާރީވުމަށް ޖިނާހު އަށް ފުރުސަތު ދިނުމަށް ފަހު އެވެ.