ހއ. ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓު ހުޅުވުމަށްފަހު ރޭގައި ހަވާ އަރުވައި އެކަމުގެ އުފާ ފާޅުކޮށްފި އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ހޯރަފުށީ އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވާފަ އެވެ.

އެކަމާ ގުޅިގެން ރޭ އެއާޕޯޓުގެ ސަރަހައްދުގައި ވަނީ ހަވާ އަރުވާފަ އެވެ. ހޯރަފުށީ ކައުންސިލުން ބުނީ ހަވާ އަރުވާ މަންޒަރު ބެލުމަށް ގިނަ އަދަދެއްގެ މީހުން އެއްވި ކަމަށެވެ.

ގިނަ ބައެއްގެ އުއްމީދުތައް އެއާޕޯޓާ ގުޅިފައިވާއިރު އެތައް ބަޔަކު ތިބީ އުފަލުން ކަމަށް ކައުންސިލުން ފާހަގަކުރި އެވެ.

އެއާޕޯޓު ހުޅުވުމާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ، ހަވާ އެރުވުމުގެ އިތުރުން އެހެން ގޮތްގޮތުން އެހީތެރިވި ސިފްކޯގެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ހޯރަފުށި އެއާޕޯޓު އިއްޔެ ރަސްމީކޮށް ހުޅުވުމުގެ ކުރީން މި މަހުގެ 16 ވަނަ ދުވަހު އެ އެއާޕޯޓަށް މޯލްޑިވިއަންގެ ޓެސްޓް ފްލައިޓެއް ވަނީ ޖައްސާފަ އެވެ.

އެއާޕޯޓު ރަސްމީކޮށް ހުޅުވަން ނިންމީ މި މަހުގެ 17 ވަނަ ދުވަހު އެވެ. ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން އެއާޕޯޓު ހުޅުވުން އިއްޔެއަށް ފަސްކުރި އެވެ.

އެ އެއާޕޯޓު ތަރައްގީ ކޮށްފައި ވަނީ 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި 86،35 ސްކޮޔާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީ ވޭއެއްގެ އިތުރުން ސާވިސް މަގުތަކާއި، 9،473 ސްކޮޔާ މީޓަރުގެ ޕާކިން އޭރިއާއަކާއި 1،718 ސްކޮޔާ މީޓަރުގެ ފަޔާ އެކްސެސް މަގަކާ އެކު އެވެ.