20 Nov 2020, 11:06
ގއ. މާނާގަލާ ގައި އަމިއްލަ ހަރަދުގައި މަލްޓި ސްޕީޝީޒް ހެޗަރީ ނުވަތަ މަސްމަހާމެހި އާލާ ކުރާ މަރުކަޒެއް ގާއިމްކޮށް އެތަން ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގައި ބުނީ ދިވެހި ސަރުކާރުން ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށްގެންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމެންޓް ޕްރޮޖެކްޓްގެ ދަށުން މާނާގަލާގައި މަލްޓި ސްޕީޝީޒް ހެޗަރީއެއް ގާއިމް ކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
މި މަރުކަޒުގެ ކޮންސްޓްރަކްޝަން މަސައްކަތް 12 މަސް ދޭއިރު އަދި އެތަން ހިންގުމަށް ދޫކުރަނީ 20 އަހަރަށެވެ.
ޕްރޮޖެކްޓްގެ ޕްރޮކިއުމަންޓް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯލްޑް ބޭންކުގެ ޕްރޮކިއުމަންޓް އުސޫލުތަކާ އެއްގޮތަށެވެ.
މާނާގަލާ ޕްރޮޖެކްޓްގައި ބައިވެރިވާ ފަރާތްތަކުގެ މާލީ ގާބިލްކަން ނުވަތަ މިލްކިއްޔާތުގައި މަދުވެގެން ފަސް މިލިއަން ޑޮލަރު ހުންނަން ޖެހެ އެވެ. އަދި މި މަސައްކަތަށް ކުރިމަތިލާ ފަރާތުން އިންވެސްޓްމެންޓް ޕްލޭނާއި ފައިނޭންސިން ޕްލޭން ހުށަހަޅަން ޖެހެ އެވެ.
މީގެ އިތުރުން ކުރިމަތިލާ ފަރާތްތަކަކީ މީގެ ކުރިން ހެޗަރީއެއް ކާމިޔާބުކަމާއެކު ހިންގާފައިވާ ފަރާތަކަށް ވާން ޖެހެ އެވެ. އަދި ތިން އަހަރުގެ މުއްދަތުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 2.5 މިލިއަން ފިންގަލިންގްސް އުފައްދާފައިވާ ފަރާތަކަށްވާން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އެއް މިލްކްފިޝް ހެޗަރީ ކާމިޔާބުކަމާއެކު ހިންގުމުގެ ތަޖުރިބާ ލިބިފައިވާ އަދި ތިން އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް މަދުވެގެން 10 ޓަނު އުފައްދާފައިވާ ފަރާތަކަށް ވާންވާނެ ކަމަށް ބުނެފައިވެ އެވެ.
މަސައްކަތަށް ކުރިމަތިލާ ފަރާތް ނުވަތަ ސަބް ކޮންޓްރެކްޓަރު ނުވަތަ ސަބް-ކޮންސަލްޓަންޓަކީ ޕްރޮޖެކްޓަށް ހުށަހަޅާ ޓެކްނޮލެޖީ ބޭނުންކޮށްގެން ފާއިތުވި ހަތް އަހަރުގެ ތެރޭގައި މަދުވެގެން އެއް މެރިން ފިންފިޝް އަދި މިލްކްފިޝް ހެޗަރީ ފަރުމާކޮށްފައިވާ ފަރާތަކަށްވާން ޖެހެ އެވެ.
ނުވަތަ ކުރިމަތިލާ ފަރާތް ނޫނީ ސަބް ކޮންޓްރެކްޓް ކުރާ ފަރާތަކީ މަދުވެގެން އަހަރެއްގެ ތެރޭ 2.5 މިލިއަން ކުދި ފާނަ އުފެއްދުމުގެ ކެޕޭސިޓީއާއެކު ހެޗަރީއެއް ހިންގާ އެތަކެތި ބާޒާރަށް ނެރެފައިވާ ފަރާތަކަށް ވާން ޖެހެ އެވެ.
ފާނަ އާއި ހުއިފިލަނޑާ އާލާ ކުރަން ގއ. މާނާގަލާގައި ހެޗަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ.