އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޖޯޖިއާ ސްޓޭޓްގެ ފަސް މިލިއަން ވޯޓު އަލުން ގުނުމުންވެސް ކުރި ހޯއްދެވީ މިއަހަރުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެއް ކަމަށް އެ ސްޓޭޓްގެ ސެކްރެޓަރީގެ އޮފީހުން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގައި ޖޯޖިއާގެ ވޯޓުތަކުގެ ނަތީޖާއަށް ބަލާއިރު ޖޯ ބައިޑެން އާއި ރައީސް ޑޯނަލްޑް ޓްރަމްޕް އާ ދެމެދުގައި އޮތީ ކުޑަ ފަރަގެކެވެ. އަދި އެއާއެކު ޑޯނަލް ޓްރަމްޕް ވަނީ އެ ނަތީޖާއާ މެދު ސުވާލު އުފައްދަވާފައެވެ. އެ ސަބަބުތަކާ ގުޅިގެން ޖޯޖިއާގެ އޮފިޝަލުން ނިންމާފައިވަނީ އެ ސްޓޭޓްގެ ވޯޓުތައް އަލުން ގުނުމަށެވެ.

ސެކްރެޓަރީ ސްޓޭޓް އޮފީހުން އަލުން އާންމުކޮށްފައިވާ އޮޑިޓުން ދައްކާގޮތުގައި ބައިޑެން، ޖޯޖިއާއިން ކުރި ހޯއްދަވާފައިވަނީ 12،284 ވޯޓުގެ ފަރަގަކާއެކުގަ އެވެ. މިއީ އޮޑިޓުގެ ކުރީން ގުނި އިރު ބައިޑެން އަށް ލިބިފައިވާ ވޯޓަށްވުރެ ތަންކޮޅެއް މަދު އަދަދެކެވެ.

އޮފިޝަލުން ތަކުރާރުކޮށް ބުނަމުންދަނީ އެމެރިކާގެ ރިޔާސީ އިންތިހާބުގައި މަކަރެއް ހަދާފައި ނުވާ ކަމަށާއި ހަމަނުޖެހޭ ކަންތައްތަކެއް ފެނިފައި ނުވާ ކަމަށެވެ.

މިއަދުގެ ކުރީން ޖޯޖިއާއިން ވޯޓުތަކުގެ ނަތީޖާ ކަށަވަރު ކުރަން ޖެހޭނެކަމަށް ގާނޫނުގައި ބުނެފައިވެ އެވެ.

"މުޅި ޖޯޖިއާގެ އޮޑިޓުން އަނެއްކާވެސް އެނގިގެން ގޮސްފައިވަނީ ސްޓޭޓްގެ ރައްކާތެރި ކަރުދާސް ބެލޮޓް އިން ވޯޓުތައް ގުނާފައިވަނީ ވަރަށް ރަނގަޅަށް ކަން،" ސްޓޭޓް ސެކްރެޓަރީ އޮފީހުން ބުންޏެވެ.

ޖޯޖިއާ އަކީ މީގެކުރީން ރިޕަބްލިކަންގެ ބާރު އޮތް ސްޓޭޓް އެކެވެ. އެހެންނަމަވެސް މިފަހަރުގެ އިންތިހާބުގައި ޑިމޮކްރެޓް ކެނޑިޑޭޓް ޖޯ ބައިޑެން އިންތިހާބު ކާމިޔާބު ކުރުމުން ޓްރަމްޕްގެ ސަރުކާރުގެ އިތުރުން ރިޕަބްލިކަން އަށް ބޮޑު ސިހުމެއް ލިބިގެން ގޮސްފައިވެ އެވެ.