22 Jan 2012, 16:19
ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މުސްލިމް ފަނޑިޔާރުންގެ ވަފުދެއް ރާއްޖެ އަށް ފޮނުވައި ދިނުމަށް އދ.ގައި ދަންނަވާފައި ވާނެ ކަމަށާއި ވަރަށް އަވަހަށް އެފަދަ ވަފުދެއް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ ރާއްޖޭގެ ފަނޑިޔާރުގެ އަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދިނުމަށް ބައިނަލް އަގުވާމީ މުސްލިމު ފަނޑިޔާރުންގެ ވަފުދެއް ފޮނުވައިދިނުން އެދި އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ސަފީރު ]ނަވަނެތަމް ޕިއްލޭ[ގެ އޮފީހަށް މިއަދު ސިޓީއެއް ފޮނުއްވާފައި ވާނެ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ މި މަހުގެ 16 އިން 19 އަށް ޖަޕާނަށް ކުރެއްވި ދަތުރުފުޅާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ސިޓީ ފޮނުއްވީ ފަނޑިޔާރުގޭގެ މައްސަލަ ހައްލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ކުރައްވައި މަސައްކަތްތަކާ ގުޅިގެން ކުރެއްވި މަސައްކަތްޕުޅެއް ކަމަށެވެ.
"އަޅުގަނޑު މިއަދު ވާނީ އދ. އިންސާނީ ހައްގުތަކާ ބެހޭ ސަފީރުގެ އޮފީހަށް ސިޓީއެއް ފޮނުވާފައި. އެ ސިޓީގައި ރާއްޖޭގެ ފަނޑިޔާރުގެއަށް ކުރިމަތިވެގެން މިއުޅޭ މައްސަލަ ހައްލުކުރުމަށް އެހީތެރިވެދިނުމަށް އަޅުގަނޑު އެދުނިން. ދުނިޔޭގެ ފެންވަރުގެ ފަނޑިޔާރުންގެ ވަފުދެއް ރާއްޖެ އަށް ފޮނުއްވުމަށް އަޅުގަނޑު ވާނީ އެދިފައި. މި ސިޓީއަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިދިޔަ ހަފުތާގައި ކުރައްވާފައިވާ މަސައްކަތްޕުޅާ ގުޅިގެން އަޅުގަނޑު ކުރި މަސައްކަތެއް،" ނަސީމު ވިދާޅުވި އެވެ.
މިނިސްޓަރު ނަސީމު ވިދާޅުވީ އދ. އަދި ކޮމަން ވެލްތުގެ އިސް އޮފިޝަލުންނާ ރައީސް ނަޝީދު ފޯނުން ވާހަކަފުޅު ދައްކަވައި މިމައްސަލަ ހައްލުކުރުމަށް ރާއްޖޭގެ ތަރައްގީގެ ޕާޓްނަރުންގެ އެހީތެރިކަން ހޯދުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމުގެ ޔަގީންކަން ޖަރުމަނު ސަރުކާރުން ދީފައިވާ ކަމަށާއި އަދި މިމައްސަލައިގާ ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަން ހޯދުމަށް ވެސް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ހިނގަމުންދާ މަރުހަލާގައި ބޭރުގެ މުސްލިމު ފަނޑިޔާރުންގެ އެހީތެރިކަން ސަރުކާރުން ވޭތުވެ ދިޔަ ތިން އަހަރު އެދެމުން އައި ފަދައިން ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އަދި އދ. މެދުވެރިކޮށް ރާއްޖެ އަށް ބައިނަލްއަގުވާމީ ފަނޑިޔާރުންގެ ވަފުދެއް ވަރަށް އަވަހަށް ވަޑައިގަންނަވާނެ ކަމަށާއި ފޮރިން މިނިސްޓްރީން އެކަމަށް މަސައްކަތްކުރާނެ ކަމަށް ވެސް މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.
ނަސީމު ވިދާޅުވީ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށް މިސަރުކާރު އުފެދުނީއްސުރެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް އެ މަސައްކަތްތަކަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނުވަނީ އަޅުގަނޑުމެންގެ ތެރޭގައި އެކަންތައްތައް ކުރުމުގެ ހިތްވަރު ނެތީމާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޖުޑިޝަރީ އިސްލާހުކުރުމަށް މިސަރުކާރު އުފެދުނީއްސުރެ މިދަނީ މަސައްކަތްތަކެއް ކުރަމުން. އެކަމަކު އެ މަސައްކަތްތަކަށް މާބޮޑު ކުރިއެރުންތަކެއް މިހާތަނަށް ނުލިބި މިދިޔައީ އަޅުގަނޑަށް ހީވަނީ އެކަންތައްތައް ކުރުމުގެ ހިތްވަރާއި ފަންވަރު އަޅުގަނޑުމެންގެ ތެރޭގައި ނެތީމާ ހެން. އަޅުމެންގެ ހުރިހާ މުއައްސަސާތަކެއްގައި އެކަން ނެތީމައި، " ނަސީމު ވިދާޅުވި އެވެ.
މިހާރު ކުރިމަތިވެފައިވާ މައްސަލަ ހައްލުކުރުމަށް ބޭރުގެ ފަނޑިޔާރުން ގެންނަވަން މަސައްކަތް ކުރައްވަނީ ބޭރުގެ ފަނޑިޔާރުންގެ އެހީތެރިކަން ހޯއްދަވަނީ އެފަދަ އެހީއަކާ ނުލައި އެ މައްސަލަ ހައްލު ނުކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރާތީތޯ ސުވާލުކުރުމުން މިނިސްޓަރު ވިދާޅުވީ ޝަރުއީ ދާއިރާ ތަރައްގީކުރުމުގައި ބޭރުގެ އެހީ ރާއްޖޭން ޒަމާނުއްސުރެ ހޯދަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ބޭރު ގައުމުތަކުން ގަބޫލުކުރާ ފެންވަރަށް އެކަންތައް ކުރެއްވޭ ވަރުގެ ބޭފުޅުން ރާއްޖޭގައި މަދުކަމަށާއި އެހެންވީމާ އެ ދާއިރާ އިން ބޭރުގެ އެހީ ހޯދުމަކީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމަށެވެ.
"ޒަމާނުއްސުރެ އަޅުގަނޑުމެންގެ ގާނޫނު އަސާސީއާ އަޅުގަނޑުމެންގެ ލީގަލް ކަންތައްތަކަށް ބޭރުގެ ފަރާތްތަކުން އެހީވެދޭ. އެއީ އަޅުގަނޑުމެންގެ ތެރޭގައި އަދި ބޭރުދުނިޔެއިން ގަބޫލުކުރާ ފެންވަރަށް އެކަންތައްތައް ކުރެއްވޭނެ ބޭފުޅުން މަދުކަމާ، އެބޭފުޅުންގެ ވަގުތުތައް ހުންނަ ގޮތުން އެކަންތައްތައް ނުކުރެއްވެނީ ކަންނޭނގެ. އެހާ ވަގުތު ނުދެވެނީ ކަންނޭނގެ،" މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.
ބޭރުން ފަނޑިޔާރުން ގެންނަ ވާހަކަ ސަރުކާރުން ދައްކާ އިރު، ކޯޓުތަކަށް ފަނޑިޔާރުން ކަނޑައެޅުމުގެ ބާރު، ގާނޫނު އަސާސީ އިން ދީފައި ވަނީ ޖޫޑިޝަލް ސާވިސް ކޮމިޝަން ]ޖޭއެސްސީ[ އަށެވެ. އަދި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ބެންޗަށް ވަނީ ފަނޑިޔާރުން ކަނޑައަޅައިފި އެވެ.