22 Jan 2012, 16:04
މާފުށީ ޖަލާއި ހިންމަފުށީ ޖަލުގެ ރިޕެއާ އެންޑް އަޕްގްރޭޑް ކުރުމުގެ ޕްރޮޖެކްޓެއްގައި ސޮއިކޮށްފި އެވެ.
މާފުށީ ޖަލުގެ ޕްރޮޖެކްޓް ހަވާލުކޮށްފައި ވަނީ ސްވިފްޓް ކޮންސްޓްރަކްޝަން އާ އެވެ. އަދި ހިންމަފުށީ ޖަލުގެ ރިޕެއާ ޕްރޮޖެކްޓް ހަވާލުކުރީ މިމްސް ކޮންސްޓްރަކްޝަން އާ އެވެ. އެ ދެ ކުންފުންޏަކީ ވެސް އެއް މެނޭޖްމަންޓެއްގެ ދަށުން ހިންގާ ދެ ކުންފުންޏެވެ.
ދެ ވަނަ ފުރުސަތުގެ އޮފީހުގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނައީމް ]މޮނާޒާ ނައީމް[ އެވެ. އަދި މަސައްކަތާ ހަވާލުވުމުގެ ގޮތުން ސޮއިކުރެއްވީ ސްވިފްޓް ކުންފުންޏާއި މިމްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ ހިލްމީ އެވެ.
ރާއްޖޭގެ ހުރިހާ ޖަލުތަކެއް މަރާމާތުކޮށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ 28.6 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓުގެ ދަށުން މާފުށީ ޖަލު މަރާމާތުކުރުމަށް މިއަދު ސޮއިކުރި ޕްރޮޖެކްޓަކީ 6.6 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ. އަދި ހިންމަފުށީގައި ތިބޭ ގައިދީންނަށް ތަމްރީނު ދިނުމަށް ހަދާ މަލްޓި ޕާޕަސް ހޯލު ހެދުމުގެ ޕްރޮޖެކްޓަކީ 1.2 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް މޮނާޒާ ނައީމް ވިދާޅުވި އެވެ.
މޮނާޒާ ވިދާޅުވީ އަންނަ މާޗް މަހުގައި ޕްރޮޖެކްޓްތަކުގެ އަމަލީ މަސައްކަތް ފެއްޓޭ ވަރުވާނެ ކަމަށާއި ޖޫން މަހުގެ ނިޔަލަށް ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭ ވަރު ވާނެ ކަމަށެވެ.