14:30


އިސްތިއުފާގެ ސިޓީތަކުގައި ހުރިހާ މިނިސްޓަރުން ސޮއިކުރެއްވިއިރު، އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދުގެ ހަސަން މަނިކުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެދިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތައް ނައިބު ރައީސް މިއަދު ދޮގުކުރައްވައިފި އެވެ.


ސަން އެފްއެމުން، އެސްއެމްއެސް އަކުން ދެންނެވި ސުވާލެއްގެ ޖަވާބުގައި ނައިބު ރައީސް މިއަދު ވިދާޅުވީ "އިރާދަކުރެއްވިއްޔާ އިސްތިއުފާ ނުދޭނަން" ކަމަށާއި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވުމަށް ރައީސް ނަޝީދު އެދިވަޑައިވެސްނުގަންނަވާ ކަމަށެވެ.


ނަމަވެސް ގައުމީ ޕާޓީގެ ވެބްސައިޓުގައި ވަނީ 13 މިނިސްޓަރުންގެ މިނިސްޓަރުކަން ގުރުބާން ކޮށްލީ އޮޅުވާލުމެއްގެ ތެރޭގައި ނައިބު ރައީސް އިސްތިޢުފާ ދޭނެގޮތެއް ހޯދުމަށް ކުރެވުނު މަސައްކަތެއްގައި ކަމަށާއި މިނިސްޓަރުންގެ އިސްތިޢުފާގެ ސިޓީތައް ކެބިނެޓް ސެކްރެޓަރީ ތައްޔާރުކުރިއިރު ނައިބު ރައީސްގެ އިސްތިޢުފާގެ ސިޓީވެސް ތައްޔާރުކުރި ކަމަށް ވަރަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދީފައިވާ ކަމަށެވެ. އަދި ހުރިހާ މިނިސްޓަރުން އެ ސިޓީތަކުގައި ސޮއިކުރި ވަގުތު ރައީސް ނަޝީދު ނައިބު ރައީސް އަރިހުން ސިޓީގައި ސޮއިކުރުމަށް އެދިވަޑައިގެންނެވި ކަމަށް ވެސް ގައުމީ ޕާޓީގެ ވެބްސައިޓުގައިވެ އެވެ.