ރާއްޖޭގެ ރަށެއްގައި އިމާރާތްކޮށްފައިވާ ގެއެއްގެ ބެލްކަންޏެއް ވެއްޓިފައިވާ ކަަމަށް ބުނެ ދައުރު ކުރަމުން ދަނީ ރާއްޖޭގެ ފޮޓޯއެއް ނޫންކަން އެނގިއްޖެ އެވެ.

ސޯޝަލް މީޑިއާގައި ދައުރުވި ބައެއް ޕޯސްޓުތަކުގައި އެއީ މާލޭގެ ފޮޓޯއެއް ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ. އަދި އަނެއް ބަޔަކު ބުނީ އެއީ މާފުށީގައި ހަދާފައިވާ ގެސްޓްހައުސްއެއްގެ ބެލްކަނި ވެއްޓިފައިވާ ފޮޓޯއެއް ކަމަށެވެ.

އެ ފޮޓޯ ވައިރަލްވުމާ އެކު ބައެއް މީހުން ސަރުކާރަށް ފާޑުކިޔަން ވެސް ފެށި އެވެ.

"ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއަށް ޒިންމާ އަދާކުރެވޭބާ" އެ ފޮޓޯ ޓުވިޓާއަށް ޕޯސްޓް ކުރަމުން މީހަކު ލިޔެފައިވެ އެވެ.

ނަމަވެސް "ސަން"އިން ބެލި ބެލުމުން ކަށަވަރުވީ ގޮތުގައި މިއީ މާލޭގެ ފޮޓޯއެއް ނޫނެެވެ.

މާފުށީގެ ފޮޓޯއެއް ކަމަށް އަޑުފެތުރުނު ނަމަވެސް އެ ރަށު ކައުންސިލަރަކު "ސަން" އަށް ވިދާޅުވީ އެއީ މާފުށީގެ ފޮޓޯއެއްވެސް ނޫން ކަމަށެވެ. އަދި މީގެ ކުރިންވެސް ޝޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯއެއްކަމަށް ކައުންސިލަރު ވިދާޅުވި އެވެ.

އެ ފޮޓޯގެ ހަގީގަތް "ގޫގަލް އިމޭޖާސް" އިން ބަލާލިއިރު 2017 ވަނަ އަހަރު ރަޝިއާގެ ފޭސްބުކް ޕޭޖެއްގައިވެސް އެ ފޮޓޯ ޕޯސްޓުކޮށްފައިވެ އެވެ.

މިހާރު ރާއްޖޭގައި ވައިރަލްވެގެން މިއުޅޭ ފޮޓ،ޯ ގިނަ އަދަދެއްގެ ދިވެހިން ލައިކް ދީފައިވާ ރާއްޖޭގެ ބޮޑެތި ފޭސްބުކް ޕޭޖްތަކުގައިވެސް ޝާއިއުކޮށްފައި ވެއެވެ.

އެ ފޮޓޯއިން ފެންނަ ބެލްކަނި ހަދާފައި ވަނީ ވެސް ރާއްޖޭގައި އާންމުކޮށް ބެލްކަނިތައް ހުންނަ ގޮތާ ތަފާތުކޮށްކަންވެސް ފާހަގަވެ އެވެ.

މީގެ ކުރިން ސިނަމާލަ ބްރިޖުގައި ރެނދު ލާފައިވާކަމަށްބުނެ ބޭރުގެ ބްރިޖެއްގެ ފޭކް ފޮޓޯތަކެއް ވެސް ވައިރަލްވެފައިވެ އެވެ.