މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޑެރަން ފްލެޗާ އަށް ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަނުގެ އެއްވެސް މެޗެއްގައި ނުފެންނާނެ ކަމަށް އެކުލަބުގެ ކޯޗު ސާ އެލެކްސް ފާގަސަން ބުނެފި އެވެ.

މިސީޒަނުގެ ބޮޑު ބައެއް ފްލެޗާ ހުރީ ކުޅުމާއި ދުރުގަ އެވެ. ބަލިތަކަކާއި އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރެފައި ކުޅެން ނުކުމެ ފްލެޗާ ވަނީ އޭނާގެ ކުޅުމަށް އެނބުރި އައިސްފަ އެވެ. ނަމަވެސް ފްލެޗާގެ ފަޔަށް މިހާރު ލިބިފައިވާ އަނިޔާ އާއި ގުޅިގެން އޭނާ އަށް ސީޒަނުގެ ކުރިއަށް ހުރި މެޗުގައި ނުކުޅެވޭނެ ކަން ވަނީ ޔަގީން ވެފަ އެވެ.

"މިސީޒަނުގައި އިތުރު މެޗެއްގައި ފްލެޗާ ފެނުމުގެ އެއްވެސް އުންމީދެއް ނެތް. އޭނާ މިސީޒަނުގެ ބާކީބައިގާ ހުންނާނީ އަނިޔާގައި." ފާގަސަން ބުންޏެވެ.

އުމުރުން 27 އަހަރުގެ ފްލެޗާގެ ފުޓުބޯޅަ ކެރިޔަރު ފަށައިގަތީ ވެސް މެންޗެސްޓާ ޔުނައިޓެޑްގައި ހުރެ އެވެ. މެންޔުނައިޓެޑްގައި ހުރެ ފްލެޗާ ވަނީ ހަތަރު ސީޒަނެއްގައި ޕްރެމިއާ ލީގު ކާމިޔާބުކޮށް، އެއް ސީޒަނުގެ އެފްއޭ ކަޕުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތައްޓެއް އެކުލަބަށް ކާމިޔާބު ކޮށްދިނުމަށް އެހީތެރިވެދީފަ އެވެ.