22 Jan 2012, 15:46
މެންޗެސްޓާ ސިޓީގެ އާޖެންޓީނާ ފޯވާޑް ކާލޮސް ޓެވޭޒް ހޯދުމަށް ފްރާންސްގެ ޕެރިސް ސެންޓް ޖާމެން (ޕީއެސްޖީ) އިން ކުރަމުންދިޔަ މަސައްކަތް ދޫކޮށްލައިފި ކަމަށް ރިޕޯޓަތަކުން ބުނަން ފަށައިފި އެވެ.
ޖެނުއަރީ ޓްރާންސްފާގައި ޓެވޭޒް ހޯދުމަށް އެންމެ ގާތްކުރީ ޕީއެސްޖީ އިންނެވެ. ޕީއެސްޖީ އާއި ވާހަކަ ދެއްކުމަށް ޓެވޭޒްގެ އެޖެންޓް ކިއާ ޖޫރާބިޗަން ފްރާންސް އަށް ވެސް ދާދި ފަހުން ދަތުރުކޮށްފައިވެ އެވެ. ނަމަވެސް ރިޕޯޓްތަކުން މިހާރު ބުނަމުންދާ ގޮތުގައި ޓެވޭޒް ހުށަހަޅަމުންދާ ހުށަހެޅުން ޕީއެސްޖީ އިން ގަބޫލެއް ނުކުރެ އެވެ.
ޕީއެސްޖީ އިން ޓެވޭޒް ހޯދުމަށް ކުރާ މަސައްކަތް ދޫކޮށްލައިފިނަމަ، އޭނާ އަށް އޮތް ހަމައެކަނި ފުރުސަތަކީ އިޓަލީގެ އިންޓަމިލާންގެ ހުށަހެޅުމެވެ. އޭސީ މިލާނުން ވެސް ވަނީ ޓެވޭޒް ހޯދުމުގެ މަސައްކަތް ދޫކޮށްލާފަ އެވެ. މެންސިޓީ އިން ހުށަހަޅާ 25 މިލިޔަން ޕައުންޑްގެ އަގު އިންޓަ އިން ގަބޫލުކޮށްފި ނަމަ، އެކުލަބުން ޓެވޭޒް ފެނުން ގާތެވެ.
މެންސިޓީ އާއި ދެމެދު އުފެދުނު މައްސަލައަކާއި ގުޅިގެން މިސީޒަނުގެ ބޮޑުބައި ޓެވޭޒް ހޭދަކުރީ ކުޅުމާއި ދުރުގަ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު، ޗެމްޕިއަންސް ލީގުގައި ބެޔާން މިއުނިކާއި ދެކޮޅަށް ކުޅުނު މެޗުގައި ބެންޗުގައި އިނދެ މެންސިޓީގެ ކޯޗު ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކަންތައް ނުކުރުމުން ޓެވޭޒް އަށް ވަނީ ސަސްޕެންޝަނެއް ވެސް ކުރިމަތި ވެފަ އެވެ.