މިދިޔަ އަހަރު މޫނު ބުރުގާ ނެގުމަށް ކުއްލިއްޔަތުއް ދިރާސަތުލް އިސްލާމިއްޔާގެ ޝަރީއާ އެންޑް ލޯ ފެކަލްޓީން އަންގާފައިވާ ދަރިވަރަކު، މިއަހަރު ވެސް ފެކަލްޓީ އަށް މޫނު ބުރުގާ އަޅައިގެން ދިޔުމުން ކްލާހުން ނުކުތުމަށް އެ ފެކަލްޓީން އަންގައިފި އެވެ.

މޫނު ބުރުގާ އަޅައިގެން ކުއްލިއްޔާ އަށް މިދިޔަ އަހަރު ދިޔަ ގއ. ދާންދޫ ބީޗްވިލާ މެހެނާޒް ހުސެއިން އަށް އެފެކަލްޓީން ވަނީ މިއަހަރުން ފެށިގެން މޫނު ބުރުގާ އަޅައިގެން ކިޔަވަން ކުލާހަށް އަތުވެއްޖެ ނަމަ ކުލާހަށް ނުވަދެވޭނެ ކަން ކުއްލިއްޔާގެ ރެކްޓާ ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާ ކުރިން އަންގަވާފަ އެވެ. ނަމަވެސް މޫނުބުރުގާ އެޅުމަކީ ދީނީ އަދި ގާނޫނީ ހަމަތަކުގެ މަތިން މަނާކުރެވޭނެ ކަމެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށް މެހެނާޒް ވަނީ ސިވިލް ކޯޓުގައި ދައުވާއެއް ވެސް ކޮށްފަ އެވެ.

މެހެނާޒްގެ ފިރިކަލުން ޒުއްނުވާރު ސަލީމް މިއަދު ވިދާޅުވީ މެހެނާޒްގެ އެކަޑަމިކް ސްޓޭޓްމަންޓް މި މަހުގެ 18 ވަނަ ދުވަހު ކުއްލިއްޔާ އިން ނެގި އިރު ހުރިހާ މާއްދާއަކުން ވެސް އޭނާ ފާސްވެފައިވާ ކަމަށާއި މިއަދު ފެކަލްޓީ އަށް މެހެނާޒް ނިކުތީ މޫނު ބުރުގާ އެޅުން މަނާކުރާ ގަވާއިދެއް ނެރޭނެ ކަމަށް ކުއްލިއްޔާ އިން ބުނެފައި ވިނަމަވެސް އެފަދަ ގަވާއިދެއް މިއަހަރު އަދި ނެރެފައި ނުވާ ކަމަށް ކުއްލިއްޔާ އިން ބުނުމުން ކަމަށެވެ.

"މޫނު ބުރުގާ އަޅައިގެން ފެކަލްޓީ އަށް ދަރިވަރުންދާ މައްސަލާގައި އާ ގަވާއިދެއް މިއަހަރު ނެރޭނެ ކަމަށް ކުއްލިއްޔާ އިން ވަނީ ބުނެފައި. އަދި އެގަވާއިދުގެ ދަށުން މޫނު ބުރުގާ އަޅައިގެން ހުރި އެއްވެސް މީހަކަށް ފެކަލްޓީ އަށް ނުވަދެވޭނެ ކަމަށް ކުއްލިއްޔާގެ ރެކްޓާ ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާ ވަނީ އަންގާފައި. ނަމަވެސް އެފަދަ އެގަވާއިދެއް ނެރެފައި ނެތް ކަމަށް ފެކަލްޓީން ބުނީ،" ޒުއްނުވާރު ވިދާޅުވި އެވެ.

މެހެނާޒްގެ ފިރިމީހާ ވިދާޅުވީ މިއަދަކީ ކުއްލިއްޔާގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަސް ކަމަށާއި މެހެނާޒް މެންގެ ކްލާސްހުގެ ފުރަތަމަ ގަޑީގައި އެ ކްލާހަށް ގުރުއާން މާއްދާ ނަގައިދެއްވަން ވަޑައިގެންނެވި ލެކްޗަރާ ވެސް އަދި ދެވެނަ ގަޑީގައި އިނގިރޭސި ކިޔަވައިދެން ވަޑައިގެންނެވި ލެކްޗަރާ ވެސް މެހެނާޒް ކްލާހުން ނުކުތުމަށް އަންގާފައިވާ ކަމަށެވެ. އަދި މެހެނާޒްގެ ނަން ރަޖިސްޓްރީގައި ވެސް ނެތް ކަމަށް ލެކްޗަރާ އިން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ.

ކުއްލިއްޔާގެ ލެކްޗަރާއަކާ ހަވާލާދީ މެހެނާޒްގެ ފިރިކަލުން ވިދާޅުވީ ކުއްލިއްޔާ އަށް މޫނު ބުރުގާ އަޅައިގެން އެއްވެސް މީހަކު ގޮސްފި ނަމަ އެމީހަކު ކްލާހުން ނެރުމަށް އަންގައި ކުއްލިއްޔާގެ އިދާރާ އިން ހުރިހާ ލެކްޗަރުންނަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ.

"އަޅުގަނޑަށް ގުޅާފައި މެހެނާޒް ބުނި ކްލާހުން ނުކުތުމަށް ލެކްޗަރާ އިން ބުނި ކަމަށް. ނަމަވެސް އަޅުގަނޑު ބުނިން ކްލާހުން ނިކުމެގެން ނުވާނެ ކަމަށް. ޗެކްޗަރާއެއް ބުނި އެމީހުންނަށް ކުއްލިއްޔާ އިން އަންގާފައިވާ ކަމަށް އެއްވެސް މީހަކު މޫނު އަޅައިގެން އައިސްފިއްޔާ ނެރެން،" ޒުއްނުވާރު ވިދާޅުވި އެވެ.

ބުރުގާ ނަގައިގެން ފެކަލްޓީ އަށް ދިއުމަށް އަންގާފައިވާ މައްސަލާގައި ހިއުމަން ރައިޓްސް ކޮމިޝަނަށާއި ޖެންޑާ މިނިސްޓްރީގެ އިތުރުން ސިވިލް ކޯޓަށް ވެސް މެހެނާޒް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އަދި އެމައްސަލައިގެ ޝަރީއަތް ފަށާފައެއް ނުވެ އެވެ.

މިކަމާ ކުއްލިއްޔާގެ ރެކްޓާ ޑރ. އިބުރާހިމް ޒަކަރިއްޔާ މޫސާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދެއްވާތީ ވަނީ ކުއްލިއްޔާގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.