ވޯލްވޯ އޯޝަން ރޭހުގެ ނަމުގައި ދެ އަހަރުން އެއް އަހަރު ދުނިޔޭގައި ބާއްވާ ޔޮޓް ރޭސް މިއަދު ރާއްޖެއިން ފަށައިފި އެވެ.

ދުނިޔޭގެ ހަ ގައުމަކުން ހަ ޔޮޓް ބައިވެރިވާ މިރޭސް ރާއްޖެއިން މިއަދު ފެށީ މާލެ އާއި ވިލިގިއްޔާ ދޭތެރެއިންނެވެ. ކުރިން މިރޭސް ފެށުމަށް ހަމަޖެހިފައި އޮތީ ހުޅުމާލެ އާއި މާލެއާ ދޭތެރެއިންނެވެ.

ރޭހުގައި ވާދަކުރާ ޔޮޓްތަކުގެ ތެރޭގައި ހިމެނޭ ބައެއް ގައުމުތަކަކީ އެމެރިކާ އާއި ޗައިނާ އާއި އޮސްޓްރޭލިޔާ އަދި ދުބާއީ އެވެ.

ރާއްޖެ އަށް މި ޔޮޓް ރޭސް ގެނައުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންސް (މާޔާ)ގެ ސެކެއްޓްރީ ޖެނެރަލް މުހައްމަދު އަލީ ވިދާޅުވީ، ދުނިޔޭގައި ބާއްވާ ޔޮޓް ރޭސް މިއަދު ރާއްޖެއިން ފެށުނު ކަމީ، ރާއްޖޭއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށާއި ރޭހުގެ ސަބަބުން ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން އުފުލިގެން ދާނެ ކަމަށެވެ. އަދި ރޭހުގައި ޖުމްލަ ހަ ޔޮޓެއް ވާދަކުރާއިރު، ކޮންމެ ޔޮޓެއްގައި 11 ފަޅުވެރިން ހިމެނޭ ކަމަށް މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖެ ގަޑިން މިއަދު މެންދުރު 1:00 ޖަހާއިރު ފެށި މިރޭސް، ކަވާކުރުމަށް ބޭރު ދުނިޔޭގެ ގިނަ މީޑިޔާތަކެއް ވަނީ ރާއްޖެ އައިސްފަ އެވެ. ބޭރު މީޑިއާތަކުގެ އިތުރުން ރާއްޖޭގެ ގިނަ މީޑިއާތަކުން ވެސް ވަނީ މިރޭސް ރާއްޖޭގެ ސަރަހައްދުން ކަވަރުކޮށްފަ އެވެ. މިއީ މިފަދަ ބޮޑު ރޭހެއް ރާއްޖޭގައި ފެށި ފުރަތަމަ ފަހަރެވެ.