18 Nov 2020, 18:24
ވޮޝިންޓަން (ނޮވެމްބަރު 18) : އެމެރިކާގެ މުސްލިމުންނަށާ އަދި ދުނިޔޭގެ އެތައް ގައުމެއްގެ މުސްލިމުންނަށް އެމެރިކާ ސަރުކަރުން ފާރަލައި ފުޅާދާއިރާއެއްގައި ޖާސޫސޫ ކުރަމުގެ އަމަލުތަކަށް އެމެރިކާ ސަރުކާރުން ހިންގަމުން ގެންދާކަމަށް އެމެރިކާގެ އެންމެ ބޮޑު އިސްލާމީ ޖަމާއަތް ކަމަށްވާ ކައުންސިލް އޮން އެމެރިކަން އިސްލާމިކް ރިލޭޝަންސް (ކެއާ) އިން ބުނެފިއެވެ.
އެ ޖަމާއަތުގެ އެގްޒެކަޓިވް ޑިރެކްޓަރ ޑރ. ނިހާދު ޢަވަޟް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާ ސަރުކާރުން އެމެރިކާގެ މުސްލިމުންނަށް ފާރަލައި އެމީހުންގެ ޕްރައިވެޓް ލައިފަށް ޖާސޫސުކުރަމުން ގެންދަނީ އެމެރިކާގެ ދަސްތޫރުގައި ހިމާޔަތްކޮށްދީފައިވާ ފަރުދީ މިނިވަންކަމުގެ ހައްގުތަކާ ޚިލާފަށެވެ. އެމެރިކާގެ މުސްލިމުން މައިގަނޑު ދެ ނުރައްކަލަކާ ކުރިމަތިލާންޖެހޭކަން ފާހަގަ ކުރައްވަމުން ޢަވަޟް ވިދާޅުވެފައިވަނީ އެއީ ޖާސޫސުކުރުމާ، ނަސްލީ ތަފާތުކުރުން ކަމުގައެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެމެރިކާގެ ބައެއް ޖަމާއަތްތަކުންވެސްވަނީ އެހެން އެއްވެސް ދީނަކަށް ނިސްބަތްވާ މީހުންނަށް އަމާޒުނުކުރާވަރަށް ޖާސޫސުކުރުމާއި ފާރަލުންފަދަ ފަރުދީ މިނިވަންކަމާ ފުށުއަރާކަންކަމުގައި އެމެރިކާ ސަރުކާރުން އެގައުމުގެ މުސްލިމުންނަށް ފާރަލަމުންދާ މައްސަލައަށް ފާޑުކިޔާފައެވެ. އެމެރިކާ ސަރުކަރުން ފާރަލައި މުސްލިމުންނާ ދެކޮޅަށް ފުޅާދާއިރާއެއްގައި ޖާސޫސޫ ކުރަމުން ގެންދަނީ ދީނީ އެޕްލިކޭޝަންތަށް ބޭނުންކޮށްގެން އޮޅުވާލުމެއްގެ ތެރެއިންކަމަށް ވެއެވެ. މިފަދަ އެޕްލިކޭޝަންކަމުގައިވާ ޒާތީ މަޢުލޫމާތު ނަހަމަގޮތުގައި އެމެރިކާގެ ޖާސޫސީ އިދާރާތަކުންނާއި އެމެރިކާ ސިފައިން ބޭނުންކުރާކަމަށް ވެއެވެ.
އެމެރިކާގެ ސިފައިންގެ ބައެއް ކޮމާންޑްތަކުން މުސްލިމުން ބޭނުންކުރާ ދީނީ އެޕްލިކޭޝަންތަކުގެ ލޮކޭޝަން ޑާޓާ ބޭނުންކޮށްގެން މުސްލިމުން ގެ ހަރަކާތްތަށް ސިއްރުން ބަލާކަމުގެ މައުލޫމާތު ދާދިފަހުންވަނީ ބޭޒާރުވެސްފައެވެ. މިކަން އެމެރިކާ ކުރަނީ ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާ ހިންގާ ހަނގުރާމައިގެ ދަށުންކަމަށް ރިޕޯޓްތަށް ބުނެއެވެ.
ޓެރަރިޒަމާ ދެކޮޅު ނަމުގައި އެމެރިކާކުރާ ހަނގުރާމައަކީ ސަލާމަތީ ބޭނުމަށްވުރެ ބޮޑަށް ދުނިޔޭގައި އެމެރިކާގެ ހަންފެތުރުމުގެ ސިޔާސީ އަދި ސްޓްރެޓީޖިކް މަގުސަދުގައި ކުރާ ހަނގުރާމައެއްކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. ނަމަވެސް އެމެރިކާ މިހަނގުރާމަ ކުރަނީ މުސްލިމުންގެ ނަމުގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުގެ ފަރާތުން ޓެރަރިޒަމްގެ ނުރައްކާ އޮންނަ ކަމަށް ބުނެއެވެ.
މި ހަނގުރާމަ ނިވައިފަތްގަނޑަކަށް ހަދައިގެން ޔަމަނާއި ޕާކިސްތާން، އަފްޣާނިސްތާން ފަދަ އިސްލާމީ ގައުމުތަކަށް ހަމަލާދީ ކުށެއްނެތް އާމުން މަރައި އިންސާނީ ހައްގުތަކަށް އަރައިގަތުންފަދަ އަމަލުތަށް އެމެރިކާ ހިންގާ މައްސަލާގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ ފާޑުކިޔުންތަށް އެމެރިކާއަށް އަމާޒުވެފައިވެއެވެ. އެމެރިކާގެ ޙަމަލާތަށް އަފްޣާނިސްތާނާއި ޕާކިސްތާނުގެ ހޮސްޕިޓަލްތަކާއި ކައިވެނި ޕާޓީތަކަށްވެސް އަމާޒުކޮށްފައިވެއެވެ. (ނޫސްއެޖެންސީތަށް)