22 Jan 2012, 14:50
ކްރިމިނަލް ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ކ. ގިރިފުއްޓަށް ގެންދިއުމާއި "ތިޔަހެނެއް ނުކިޔޭނެ" ކަމަށް ބުނެ އެމްޑީޕީ ފަށާފައިވާ ކެންޕެއިނާ ދެކޮޅަށް މާލޭގައި ފަށާފައިވާ މުޒާހަރާތަކުގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް އާއި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ފަސީހް ހާޒިރު ކުރެއްވި ސަމާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ސިއްރުކޮށްފި އެވެ.
ކޮމެޓީ ސިއްރު ކުރަން ނިންމީ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ ހުށަހެޅުއްވުމަށް ސަރުކާރު ހިންގާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުންނާއި އިދިކޮޅު މެންބަރުން ވެސް ވޯޓްދީގެންނެވެ. އިދިކޮޅު ފަރާތްތަކުގެ މެޖޯރިޓީ އޮންނަ 14 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމެޓީ އަށް މޫސާ އަލީ ޖަލީލު ހާޒިރު ކުރީ 2:00 ޖަހަން އުޅެނިކޮށެވެ. އަދި ކޮމެޓީއަށް ޖަވާބު ދާރީވެ ވަޑައިގަތުމަށް ފަސީހު ވަނީ މަޖިލީހަށް ދާދީ ދެންމެއަކު ވަޑައިގަންނަވާފަ އެވެ.
ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ހަމައެކަނި ކޮމެޓީ، 241 ކޮމެޓީ އަށް މޫސާ އަލީ ޖަލީލު އާއި ފަސީހު ހާޒިރު ކުރުމަށް ނިންމީ އިދިކޮޅު ފަރާތްތަކުން ހުށަހެޅުއްވި މައްސަލަ އަށް އިއްޔެ ކޮމެޓީގައި ބަހުސް ކުރެއްވުމަށްފަހުގަ އެވެ. ކޮމެޓީގެ މުގައްރިރަކީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ނައިބު މުގައްރިރަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ މަނިކެވެ.