18 Nov 2020, 12:46
އިންޓެލިޖެންސް ފުލުހުންނަށް ހެދިގެން މާލޭގެ ގެސްޓު ހައުސްއަކަށް ވަދެ އެތަނުގެ ބައެއް ތަކެތި ފޭރުނު މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
މިދިޔަ ހަފްތާ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަޖީދީމަގު ފަރިވާ ސްޓޭ 3 ގެސްޓު ހައުސްއަށް މީހަކު ވަދެ ޕޮލިސް އިންޓެލިޖެންސް އިން ކަމަށް ބުނެ އެތަނުގެ ތިން މުވައްޒަފަކު ކްލިޕް އަޅުވައި ވަނީ ބަނދެފަ އެވެ.
އެއަށްފަހު އެތަނުގެ ބައެއް ތަކެތި ފޭރިގެން ގޮސްފައިވާ ކަމަށް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފަ އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން އިތުރު ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެގޮތުން 38 އަހަރުގެ މީހާ މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރިއިރު 43 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްފައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން 15 ދުވަސް ދީފައިވާ ކަމަށެވެ.
އެ މީހުން އެތަނުން ފޭރިގެންފައިވާ ބައެއް ތަކެތި މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީގެކުރީން ވެސް ވަނީ މީހަކު ހައްޔަރުކޮށްފަ އެވެ. މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފައިވަނީ 42 އަހަރުގެ ދިވެހި ފިރިހެނެކެވެ.