މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލު ކުރި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންއާއި ރިޝްވަތު ގަބޫލު ކުރުމުުގެ ދައުވާގެ އަޑުއެހުންތައް މީގެ ކުރިން ވަނީ ފަށަައިފަ އެވެ. އެ މައްސަލައިގެ އަޑުއުމެއް މިއަދު މެންދުރު 1:30 ތާވަލު ކުރި އެވެ.

ނަމަވެސް، ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުންނާއި، ރައީސް ޔާމީންގެ ބަލި ހާލަތު ހުރި ގޮތުން ދަތުރުފަތުރު ކުރުމަށް އުޒުރުވެރިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ކެންސަލްކޮށްދިނުމަށް ރައީސް ޔާމީންގެ ފަރާތުން އެދިފައިވާތީ މިއަދުގެ އަޑުއެހުން އެހެން ދުވަހަކަށް ރީޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީން މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ. އެއީ ގއ. ވޮޑަމުލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ލޯންޑާ ކުރި މައްސަލައިގައި ކުރި ދައުވާ ސާބިތުވެ އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރެއްވުމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފުގެ ޝަރީއަތްތައް ހައި ކޯޓުގައި ދަނީ ކުރިއަށެވެ. މިހާރު އެ މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލާފަ އެވެ. އަދި ދެން އޮތީ މައްސަލައިގެ ހުކުމް އިއްވުމެވެ.