22 Jan 2012, 14:47
ދެހާސް ނުވަނަ އަހަރު ހުޅުމާލޭގައި މާރާމާރީ ހިންގައި ބިދޭސީ އަކު މަރާލި މައްސަލައިގައި ބަންގްލަދޭޝްގެ މުހައްމަދު ޔާސީންގެ މައްޗަށް ގަސްތުގައި މީހަކު މަރާލިކަމުގެ ކުށުގެ ދައުވާ ދައުލަތުން މިއަދު އުފުލައިފި އެވެ.
ދައުވާ ހުށަހަޅަމުން ދައުލަތުގެ ވަކީލު ވިދާޅުވީ މެއި 31 ،2009 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ޔާސީން އިތުރު ބަޔަކާ އެކު ގޮސް، ހުޅުމާލޭގައި ހުރި އާމިރު ހުސެއިން ކިޔާ ބިދޭސީ އަކާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ މާރާމާރީގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އާމިރު މަރުވެފައިވާ ކަމަށެވެ.
ވަކީލު ވިދާޅުވީ އޭނާ މަރުވެފައި ވަނީ ބޮލަށް ލިބުނު ގެއްލުމުގެ ސަބަބުން ކަމަށާއި، ޖޫން 27 ، 2009ގައި ޔާސީން އެކަން ކުރިކަމަށް އިއުތިރާފްވެ ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށެވެ.
ޔާސީން ބުނީ ދައުވާ އަށް އިންކާރު ކުރާ ކަމަށާއި ފުލުހުން ބަޔާނުގައި އޭނާލައްވާ ސޮއިކުރީ ބިރުދައްކާ، އަނިޔާކޮށްގެން ގަދަކަމުން ކަމަށެވެ.
ޔާސީންގެ ދިފާއީ ވަކީލު ވިދާޅުވީ ކަންހިނގާފައި އޮތްގޮތް ދިރާސާކުރި އިރު ދިފާއުގައި ދައްކަން ޖެހޭނެ ވާހަކައެއް ނެތް ކަމަށެވެ.
ދައުލަތުގެ ވަކީލު ވިދާޅުވީ ކުށުގެ ވެށިން ހޯދުނު ލޭތިކި ޔާސީންގެ ޑީއެންއޭ އާ ވެސް ދިމާވާ ކަމަށެވެ.
ކުށުގެ ވެށިން ފެނުނު ލެޔާއި ޔާސީންގެ ޑީއެންއޭ ދިމާވީ ކީއްވެތޯ ގާޒީ އެއްސެވުމުން ޔާސީން ބުނީ އެކަން ނޭނގޭ ކަމަށެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ދެން އޮންނަ ޝަރީއަތުގެ މަޖިލީހަކަށް ޑީއެންއޭ ރިޕޯޓު ހެދި ފުލުސް މީހާ ހާޒިރުކޮށް ސުވާލުކުރައްވާނެ ކަމަށް އިއުލާންކުރެއްވުމަށް ފަހު އެވެ.