18 Nov 2020, 12:10
ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން، ރައްޔިތުންނަށް ގެއްލުންވާގޮތަށް ޓެލެކޮމް އޮޕަރޭޓަރުންނަަށް ބޮޑު ފައިދާވާ ގޮތަށް ކަންކަން ކުރާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިއަދު މަޖިލީހުގެ ޖަލްސާއަށް އެ ގަރާރު ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.
އެ ގަރާރުގައި ބުނީ، ރާއްޖޭގައި މުއާސަލާތީ ހިދުމަތްތައް ބެލެހެއްޓުމުގެ ޒިންމާއާ ހަވާލުކޮށްފައިވާ ފަރާތުން ދިގު މުއްދަތަކަށް ހަދާފައިވާ ގާނޫނުތައް އިސްލާހު ކުރުމެެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާ ގޮތަކަށް ކަންކަން ކުރަމުންދާ ކަމަށެވެ. އަދި އެއީ ރައްޔިތުންނަށް ނުހަނު ގެއްލުން ވަމުންދާ ކަމެއްގެ ގޮތުގައި ގަރާރުގައި ވަނީ ފާހަގަ ކޮށްފަ އެވެ. އެގޮތުން އެ ގަރާރުގައި ގޮވާލައިފައިވަނީ އެކަން ނިމުމަކަށް ގެނައުމަށެވެ.
ރާއްޖޭގައި އިންޓަނެޓް އަގުހެޔޮ ކުރުމުގެ ނަމުގައި އިތުރު ފަރާތްތަކަކަށް އޮޕަރޭޓާ ލައިސެންސް ދިން ނަމަވެސް، އޮޕަރޭޓަރުން އަމަލު ކުރަން ޖެހޭ މިންގަނޑުތަކާއި ކަސްޓަމަރުންގެ ހައްގުތައް ކަށަވަރުކޮށްދީފައި ނުވާކަން އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަންކަން ކުރުމަށްްޓަކައި ހަދަން ޖެހޭ ގަވައިދުތައް ނުހަދާ، އިތުރު ޓެލެކޮމް އޮޕަރޭޓަރުންނަށް ކަންކަން ފަހިވާ ގޮތަށް ހުއްދަ ދިނުމުން އެކަމަކީ ކަސްޓަމަރުންނަށް ފައިދާވާނެ ކަމަކަށް ނުވާނެ ކަމަށް ބޮންޑޭ ވަނީ ގަރާރުގައި ސަމާލުކަމަށް ގެނެސްފަ އެވެ.
"އޮޕަރޭޓަރުންގެ ޗެކްއެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތްތަކަކަށް ހަދާފައި ނުވުމުގެ ސަބަބުން، ރައްޔިތުންނަށް އެއްވެސް މަންފާއެއް ނުމެވާނޭ މަގުން އިތުރު ޓެލެކޮމް އޮޕަރޭޓަރަކަށް ބިލިއަނުން ފައިދާވާ ވިޔަފާރިއެއް އުފެއްދުމަށް ދޫކޮށްލައިގެން ހުރެވެން ނެތުމުން އެކަން ފާހަގަކޮށް ކުއްލި މައްސަލަ ހުށަހަޅަމެވެ،" ބޮންޑޭގެ ގަރާރުގައި ބުނެފައިވެ އެވެ.

މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) --- ފޮޓޯ/ މަޖިލިސް
ގަރާރުގައި އިތުރަށް ބުނީ، ރާއްޖޭގައި އިންޓަނެޓްގެ މައްސަލައަކީ ހަމައެކަނި ހިދުމަތްދޭ ފަރާތްތަކާއި ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ. އެގޮތުން ބޮންޑޭ ވަނީ ގަރާރުގައި ބައެއް މައްސަލަތައްވެސް ފާހަގަކޮށްފަ އެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ބައެއް މައްސަލަތައް:
ޓެލެކޮމިއުނިކޭޝަން ގާނޫނުގައިވާ އެއްވެސް ގަވައިދެއް ހަދާފައި ނުވުން.
- ޓެލެކޮމިއުނިކޭޝަން ގާނޫނަށް އަމަލު ކުރާ މިންވަރު ބެލިފައި ނުވުމާއި ގާނޫނާ ހިލާފުވެއްޖެނަމަ، ފިޔަވަޅު ނޭޅުން.
- ގާނޫނުގައި ބުނާ ގޮތަށް އަގުތަކާއި ހިދުމަތުގެ ފެންވަރު ކޮންޓޯލްކޮށް ބެލެހެއްޓިފައިނުވުން.
- ކޮމިއުނިކޭޝަން އޮތޯރިޓީން އޮފް މޯލްޑީވްސްއިން އެއްވެސްވަރަކަށް އިންޑަސްޓްރީ ރެގިއުލޭޓް ކުރެވިފައި ނުވުން.
- ޒަމާނީ ފެންވަރުގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްރަކްޗާއެއް ގައިމް ކުރެވިފައިވުން.
- އޯޕްންއެކްސެސް ނެޓްވޯކްގެ ހިދުމަތް ގައިމުވެފައި ނެތުމުން ގިނަ އެހެނިހެން ދާއިރާތައް ކުރިއެރުމަށް ގޮންޖެހުން ގިނަވުން.
ގަރާރުގައި އަދި ބުނީ އެ މައްސަލަތަކުގެ ސަބަބުން އިތުރު ހިދުމަތްދޭ ފަރާތްތަކަށް ލައިސެންސް ދީގެންވެސް މުއާސަލާތީ ހިދުމަތްތަކަށް އެދެވޭ ބަދަލެއް އަންނަނާނެ ކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.
"ރެގިއުލޭޓް ކުރެވިފައިވާ މާހައުލެއް ނެތުމުގެ ސަބަބުން ސަރުކާރު މިއަުދ ވަނީ ރައްޔިތުންގެ އާދޭހުގެ އަޑު އިވުނު ނަމަވެސް އިންޓަނެޓްގެ އަގުހެޔޮ ކުރުމަށް ނުކުޅެދިފައި،" ގަރާރުގައި ބުނެފައިވެ އެވެ.
އިންޓެނެޓްގެ އަގުތައް ތިރި ކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް ސަރުކާރަށް ދެއަހަރުވީ އިރުވެސް، އެކަން އަދި ތަންފީޒެއް ނުކުރެވެ އެވެ.
ޓެލެކޮމިއުނިކޭޝަން މިނިސްޓްރީން ޒިންމާ އަދާ ނުކުރާ ކަމަށް ބުނެ މަޖިލީހަށް ގަރާރެއް ހުށަހެޅި އިރު، ޓެލެކޮމިއުނިކޭޝަން މިނިސްޓަރު މަލީހު ޖަމާލުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް އެމްޑީޕީ މެމްބަރުން ދަނީ ސޮއި ކުރަމުންނެެވެ.