ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި އިސްލާމިކް އެފެއާޒާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ފޯރަމެއް ބާއްވައިފި އެވެ.

މި ފޯރަމް ވަނީ ޓީވީއެމް އާއި، މިނިސްޓްރީގެ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލްއިން ލައިވްކޮށް ގެނެސްދީފަ އެވެ.

މި ފޯރަމްގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން އަދި ޝެއިހު ނަސްރުﷲ އަލީ އެވެ. މި ފޯރަމް ބާއްވާފައިވަނީ އިސްލާމީ މަރުކަޒު ހޯލްގަ އެވެ.

މި ފޯރަމްގައި ވާހަކަދައްކާފައި ވަނީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ކުރިން ދިވެހިންގެ ކަންކަން ހުރިގޮތާއި އިސްލާމް ދީނުގެ ހިދާޔަތް ލިބިގެން ދިއުމަށްފަހު ދިވެހިންނަށް އައި ބަދަލުތަކާއި ގުޅޭގޮތުންނެވެ.

ހުރިހައި ބޭފުޅުންވެސް ހާމަކުރެއްވި ގޮތުގައި، އިސްލާމްދީނަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނެ ހަމައެކަނި ދީނެވެ. ބުދަށް އަޅުކަން ކުރި ދުވަސްވަރުގައި ދިވެހިންގެ ތެރޭގައި ހުރި ނޭތްގާނީ ކަންތައްތަކާއި އިސްލާމްވުމަށް ފަހު ޖަހާލަތުގެ އަނދިރިކަން ނެތިގޮސް، ދިވެހިން އެކުވެރި އުހުއްވަތްތެރި ބަޔަކަށް ވެގެން ދިޔަކަމުގައި ވަނީ ފޯރަމްގެ ބައިވެރިން ވަނީ ބަޔާންކުރެއްވި އެވެ.

ހަމައެހެންމެ މި ނިއުމަތަކީ ﷲ އަހަރެމެންނަށް ދެއްވި އެންމެ ބޮޑު ނިއުމަތްކަމުން މިކަމަށް އުފާކޮށް ހައްގުގޮތުގައި ޝުކުރު އަދާކުރަންޖެހޭނެ ކަމަށްވަނީ އަލި އަޅުވާލާފަ އެވެ. އަދި އިޖްތިމާއީ ގޮތުންނާއި ދީނީ ގޮތުން އަހަރެމެންނަށް ކުރެވޭ ބައެއް ނޭދެވޭ ކަންކަމުގެ ވާހަކަ ބަޔާންކޮށް އެކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަންވެސް ވަނީ އޮޅުން ފިލުވައިދީފަ އެވެ. މީގެ އިތުރުން އެންމެ ބޮޑު ޒިންމާއެއްކަމުގައި ވާންޖެހޭނީ އިސްލާމްދީން ރަނގަޅަށް އުނގެނި އެ ދީނުގެ އިލްމު މީސްތަކުންނަށް ސައްހަގޮތުގައި ފޯރުކޮށްދިނުން ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އިލްތިމާސްކުރާ ކަމަށްވަނީ އެބޭފުޅުން ފާހަގަކުރައްވާފަ އެވެ.