18 Nov 2020, 09:16
ބައިނަލް އަގުވާމީ ކުޅިވަރުތަކުގައި ވާދަކުރާ އެތުލީޓުން މަނާ ބޭސް ބޭނުން ކުރުމަކީ ގާނޫނީ ގޮތުން ކުށެއް ކަމަށް އެމެރިކާގެ ސެނެޓުން ކަނޑައަޅަައި، ބިލް ފާސްކޮށްފި އެވެ.
ކުޅިވަރުތަކުގައި މަނާ ބޭސް ބޭނުންކުރުމާ ދެކޮޅަށް އެންމެ ގަދައަށް އަޑުއުފުލާފައިވާ ރަޝިޔާގެ ގްރިގޮރީ ރޮޑްޗެންކޯވްގެ ނަމުން ނަންދީފައިވާ "ރޮޑްޗެންކޯވް އެންޓި ޑޯޕިންގް" ގެ ބިލް ފާސްކޮށް މިހާރު ވަނީ އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ތަސްދީގު ކުރުމަށް ފޮނުވައިފަ އެވެ.
ގްރިގޮރީ ރޮޑްޗެންކޯވް އަކީ ރަޝިޔާގެ އެތުލީޓުން މަނާބޭސް ބޭނުންކުރަމުންދާކަން ފަޅާ އަރުވާލުމަށްފަހު 2015 ވަނަ އަހަރު އެގައުމު ދޫކޮށް އެމެރިކާގެ ހިމާޔަތް ހޯދާފައިވާ ކުރީގެ މޮސްކޯގެ އެންޓި ޑޯޕިންގް ލެބޯޓަރީގެ އިސްފަރާތެވެ. ރޮޑްޗެންކޯވް އެކަން ފަޅާއަރުވާލުމާ އެކު، 2018 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސްއާއި، މި އަހަރަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކްސް އިން ވެސް ވަނީ އެގައުމު ސަސްޕެންޑް ކޮށްފަ އެވެ.
އެމެރިކާގެ އެންޓް ޑޯޕިންގް އޭޖެންސީގެ ޗީފް ހެޑް ޓްރެވިސް ޓައިގާޓް ވިދާޅުވީ، މިއީ އެގައުމުގައި ކުޅިވަރުތައް ގަވާއިދާއި ހަމަތަކާ އެއްގޮތަށް ކުޅުމަށް ލިބިގެން ދިޔަ ރަނގަޅު ބިންގަލަކަށް ވާނޭ ކަމަށެވެ.
އެހެން ނަމަވެސް އެމެރިކާގެ ގާނޫނު ހަދާ ސެނެޓުން ފާސްކޮށްފައިވާ މި ބިލާ މެދު ދުނިޔޭގެ އެންޓި ޑޯޕިންގް އޭޖެންސީ (ވާޑާ) އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސެނެޓުން ފާސްކުރި މި ބިލުގައި ވާގޮތުން މަނާބޭސް ބޭނުންކޮށްގެން މަކަރު ހަދައިފި ނަމަ އެ އެތުލީޓަކު އެއް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އަދި އެހެންމެ އެތުލީޓުންނަށް އެކަމުގައި އެހީތެރިވާ ފަރާތްތަކަށާއި، އެކަން އިނގިހުރެ ކޯޗުންނާއި، ސްޕޮންސަރުން އެކަން ސިއްރުކުރާ ނަމަ އެ ފަރާތްތަކަށް ވެސް ހަރުކަށި ފިޔަވަޅު އެޅުމަށް ބިލްގައިވަނީ ކަނޑައަޅައިފަ އެވެ.
އެކަމަކު މި ބިލްގައި ކޮލެޖްތަކުގެ އެތުލީޓުންނާއި، ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ވާދަކުރާ އެތުލީޓުން ވަނީ ފުރަތަމަ އޮތް ޑްރާފްޓަށްފަހު ބިލް ފާސްކުރުމުގެ ކުރިން ނަން އުނިކޮށްފަ އެވެ. އެހެން ކަމުން މިހާރު ގެންނަ ބަދަލާ އެކު އަދަބު ދެވޭނީ ބައިނަލް އަގުވާމީ މުބާރާތްތަކުގެ ވާދަވެރިންނަށް އެކަންޏެވެ.
"މިއީ ކުޅިވަރުގެ ރޫހު ރަނގަޅު ގޮތުގައި ދިރުވާ އާލާ ކުރުމަށް އެޅުނު ވަރުގަދަ ބިންގަލެއް. އަދި މިއީ މުޅި ދުނިޔެއަށްވެސް މިސާލެއް. ކުޅިވަރަކީ ރީތި ގޮތުގައި ވަކި ހަމަތަކަކާއި، އުސޫލުތަކެއްގެ ދަށުން ކުޅެވޭ އެއްޗަކަށްވާއިރު، އެކަމުގައި މަކަރު ހަދާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅޭނެ އުސޫލަކީ އޮތުން މުހިއްމު ކަމެއް،" ޓައިގާޓް ވިދާޅުވެފައިވެ އެވެ.