18 Nov 2020, 08:42
މިހާރު ކުރިއަށްދާ ނޭޝަންސް ލީގުގައި ރޭ ވަރުގަދަ ޖަރުމަނު ކޮޅަށް ގޯލު ފުންޏެއް ޖަހައި، ސްޕެއިނުން އެ މުބާރާތުގެ ދެން އޮތް ބުރަށް ދަތުރު ކޮށްފި އެވެ.
ސްޕެއިނުގެ ސެވިއްޔާގެ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޖަރުމަނުގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-6 ގެ ނަތީޖާއަކުންނެވެ. މިއީ ޖަރުމަނުގެ ފުޓުބޯޅަ ތާރީހުގައި ވެސް އެގައުމު އެންމެ ހިތި ގޮތަކަށް ބަލިވެގެން ދިޔަ ފަހަރެވެ. މި މޮޅާ އެކު، ކުޅުނު ހަ މެޗުން 11 ޕޮއިންޓް ހޯދައިގެން ސްޕެއިނުން ގްރޫޕް ތާވަލުގެ ކުރި ހޯދާފައިވާ އިރު ދެވަނައިގައި އޮތް ޖަރުމަނަށް ލިބުނީ ނުވަ ޕޮއިންޓެވެ. އެ ގުރޫޕުގައި ދެން އޮތް ޔުކްރޭނަށް ހަ ޕޮއިންޓް ލިބުނު އިރު ސްވިޒަލޭންޑަށް ލިބުނީ ތިން ޕޮއިންޓެވެ.
ކުރީ ސީޒަނުގައި ވެސް އެއްވެސް މެޗަކުން މޮޅުނުވެ ކަޓައިގެން ދިޔަ ޖަރުމަނުން މިފަހަރުގެ ލީގުގައި ރަނގަޅު އުންމީދަކާ އެކު ފަށައިގެން ކުޅުނު ނަމަވެސް، މިފަހަރުވެސް އެ ޓީމަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑްކަޕްގެ ކާމިޔާބީއަށްފަހު ޖަރުމަނުގެ ތަރި ޔޫރޮޕުގައި ފަނޑުވާން ފެށި އިރު، އޭގެ ފަހުގެ މުބާރާތްތަކުގައި އެ ޓީމުން ރަނގަޅު ހިސާބަކަށް ދަތުރުކުރެވިފައެއް ނުވެ އެވެ.
ރޭގެ މެޗު ފަށައިގެން 17 ވަނަ މިނަޓުގެ ތެރޭގައި ސްޕެއިނުން ވަނީ ލީޑު ނަގައިފަ އެވެ. އަލްވާރޯ މޮރާޓާގެ މި ގޯލާ އެކު ސްޕެއިނުން ނެގި ލީޑު ފުޅާ ކުރީ ރޭގެ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ޒުވާން ފޯވާޑް ފެރާން ޓޮރެސް އެވެ. އޭގެ ފަހުން ރޮޑްރީގޯ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިންވަނަ ގޯލެއް ޖަހައި ޖަރުމަނު ހާސްކޮށްލި އިރު، އެ ހާފުގައި ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ވަނީ އަނިޔާވެފަ އެވެ.
ދެވަނަ ހާފު ފަށައިގެން ރާމޯސް ނެތްތަން ސްޕެއިނަށް ކޮންމެސް ވަރަކަށް ދެއްކި ނަމަވެސް ފާސްޓް ބޯލްތަކާ އެކު ސްޕެއިނުން ވަނީ ކައުންޓާ އެޓޭކް ފުޓުބޯޅައެއް ކުޅެ ޖަރުމަނު ކޮޅަށް އިތުރު ތިން ގޯލު ޖަހައިފަ އެވެ. އެ ހާފު ފަށައިގެން 55 ވަނަ މިނަޓުގައި ފެރާން ޓޮރެސް އޭނާގެ ދެވަނަ ގޯލު ޖެހި އިރު، އޭގެ 15 މިނަޓު ފަހުން އޭނާ ވަނީ އިތުރު ގޯލެއް ޖަހައި އޭނާގެ ފުޓުބޯޅަ ހަޔާތުގައި ސްޕެއިނަށް ފުރަތަމަ ހެޓްރިކް ހަދައިފަ އެވެ. މެޗު ނިމެންދަނިކޮށް ސްޕެއިނުގެ ފަހު ލަނޑު ޖަހައިދިނީ މިކެލް އޮޔަރްޒަބަލް އެވެ.
މިއީ މި ފަހުގެ ތާރީހުގައި ވެސް ސްޕެއިނުން ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށާއި، ރާމޯސްގެ އަނިޔާއަކީ އެހާ ބޮޑު އަނިޔާއެއް ކަމަށް ނުފެންނަ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް އެންރީކޭ ވަނީ މެޗަށްފަހު ބުނެފަ އެވެ.
އެންރީކޭ ބުނީ، ޖަރުމަނުން އެ މެޗަށް ގެނައީ ފެންވަރު ރަނގަޅު ޓީމެއް ކަމަށާއި، އެކަން މެޗު ފެށުމުގެ ކުރިން ކުޅުންތެރިންނަށް ވެސް ވިސްނައިދެވުނު ކަމަށެވެ. އަދި މެޗު ފެށުނީއްސުރެން ރަނގަޅަށް ކުޅެ ސްޕެއިނުން މި ހޯދި މޮޅަކީ ގައުމީ ޖާޒީގައި އެ ޓީމުން އެންމެ މޮޅަށް ކުޅުނު މެޗު ކަމަށް އެންރީކޭ ވަނީ ބުނެފަ އެވެ.