17 Nov 2020, 22:04
ފާއިތުވެދިޔަ 24 ގަޑިއިުގެ ތެރޭގައި ނެގި 1075 ސާމްޕަލުން މިއަދު ރާއްޖެއިން އިތުރު 41 މީހަކު ކޮވިޑް19އަށް ޕޮޒިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 30 ދިވެހިންނާއި 11 ބިދޭސީން ކަމަށެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 35 ކޭސް ފެނިފައިވަނީ ގްރޭޓާ މާލެ ރީޖަނުންނެވެ.
މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުން ޖުމުލަ އަދަދު ވަނީ 12،355އަށް އަރާފަ އެވެ.
މިއަދު ރާއްޖެއިން 72 މީހުން ބަލިން ރަނގަޅުވެފައިވާއިރު، މިހާތަނަށް ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ ޖުމުލަ އަދަދަކީ 11،388 އެވެ. އަދި މިހާރު ހުރި އެކްޓިވް ކޭސްތަކުގެ އަދަދަކީ 915 އެވެ.
އެޗްޕީއޭއިން ބުނީ މިހާރު ރާއްޖޭގައި މީހުން ދިރިއުޅޭ ނުވަ ރަށަކާއި 28 ރިސޯޓެއްގައި ކޮވިޑް19ގެ އެކްޓިވް ކޭސްތައް އެބަހުރި ކަމަށެވެ.
ރިސޯޓުތަކުގެ ކޭސްތަކުގައި ހިމެނެނީ 52 ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތްކުރާ 88 މީހުންނެވެ.
މި ބަލީގައި ރާއްޖެއިން މިހާތަނަށް 45 މީހަކު ވަނީ މަރުވެފަ އެވެ.