އެމްޑީޕީ ސަރުކާރުގައި ހުންނެވުމަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖެހިލުންވެވަޑައިގަންނަވާ ނަމަ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ގެ އަށް ވަޑަގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބާރަށު ދާއިރާގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

"ތިޔަހެނެއް ނުކިޔޭނެ" ސިލްސިލާ ޖަލްސާގައި އެމްޑީޕީ ހަރުގޭގައި ރޭ ވާހަކަފުޅު ދައްކަމުން ޝިފާޒް ވިދާޅުވީ ސަރުކާރުގައި ހުންނަވަން ނައިބު ރައީސް ލަދުފުޅު ގަންނަ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބަކަށް ހުންނެވުމުގެ ބޭނުންމެއް ނެތް ކަމަށެވެ.

"އަޅުގަނޑު އަދަބު އިހްތިރާމާ އެކު މަނިކުފާނަށް ]ނައިބު ރައީސް[ ދަންނަވާނާނީ ދިވެހި ދައުލަތުގެ ނައިބު ރައީސް ކަމުގައި މިއަދު ހުންނަވަން ކަންބޮޑުވެ ލައްވާ ނަމަ، ލަދުފުޅު ގަންނަ ނަމަ، ވީހާ ވެސް އަވަހަށް އިސްތިއުފާ ދެއްވާފައި ގޭގައި ހުންނަވާށޭ،" ޝިފާޒް ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓް މެންބަރުން ނާއިބު ރައީސްގެ އިސްތިއުފާ އަށް ގޮވާލާފައި މި ވަނީ، ސަރުކާރުން ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ، އަބްދުﷲ މުހައްމަދު ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ދޫކޮށްލުމަށް ނައިބު ރައީސް ގޮވާލައްވާފައި ވަނިކޮށެވެ.

ނާއިބު ރައީސްގެ އަމިއްލަ ބްލޮގްގައި ލިއުއްވާފައިވާ ގޮތުގައި އަބްދުﷲ ގާޒީގެ މައްސަލަ މުހިއްމު ވަނީ އޭނާއަކީ ގާޒީ އަކަށް ވާތީ ނުވަތަ އެއީ ކްރިމިނަލް ކޯޓަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅަކަށް ވާތީ ނޫން ކަމަށާއި އޭނާއަކީ އެހެން ދިވެހިން ފަދައިން ދިވެހި ރައްޔިތަކަށް ވާތީ ކަމަށެވެ.

"ބިރުވެރިކަމުން މިނިވަންވެ ތިބުމަކީ ރޭގަނޑު ދަންވަރު ނިދާފައި އޮއްވާ އެނދުމަތިން ދަމައި [ވައްޓާލައިގެން] ކޮންތަނެއްކަން ނޭނގޭ ތަނަކަށް ނުގެންދާނެ ކަން އެނގި ތިބުމެވެ. އަޅުގަނޑުމެން އެ މިނިވަންކަން އެއްވެސް މީހެއްގެ ފަރާތުން ނިގުޅައިގަންނަ ވަގުތު މިނިވަންކަން އެ ނިގުޅައިގަންނަނީ އެންމެންގެ ފަރާތުންނެވެ،" ނާއިބު ރައީސްގެ ބޮލޮގްގައިވެ އެވެ.

ޝިފާޒު ވިދާޅުވީ ނައިބު ރައީސަކީ އެމްޑީޕީގެ މެންބަރަކަށް ނުވާތީ އެކި ވާހަކަފުޅު ދައްކަމުން ގެންދެވި ނަމަވެސް އެމްޑީޕީގެ މެންބަރުން ކަންބޮޑު ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ނައިބު ރައީސަކަށް ހުންނެވީ އަޅުގަނޑުމެން ދުރުން ގެނައި ބޭފުޅެއް. އެންމެހާ ބޭފުޅުން ގަބޫލު ކުރައްވާ ހަގީގަތެއް އެއީ އެމްޑީޕިގެ ބޭފުޅެއްނޫން ކަން. އެހެން ވީމަ ޒާތްތާތުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގައި ހުންނަވައިގެން ކަމުގައިވީ ނަމަވެސް ދެއްކެވީމާ އެއީ އަޅުގަނޑުމެން ކަންބޮޑުވާން ޖެހޭ ކަމެއްނޫން. މާ އައުލާކަން ބޮޑުވާނެ އެގޮތް،" އެނާ ވިދާޅުވި އެވެ.

އެމްޑީޕީ ހަރުގޭގައި ރޭ އޮތް ޖަލްސާގައި ޝިފާޒް އިތުރަށް ވިދާޅުވީ އެމްޑީޕީ ތެރޭގައި ތިއްބަވައިގެން ބައެއް ބޭފުޅުން އެމްޑީޕީ ކުރާ މަސައްކަތާ ދެކޮޅަށް ވާހަކަ ދައްކަވަމުން ގެންދާ ކަމަށާއި އެ ވާހަކަތަކުން އެމްޑީޕީން ކުރަމުންގެންދާ "މަސައްކަތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ" ކަމަށެވެ.

ލިޔުމާ ގުޅޭ އޯޑިއޯ