މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމު "ގުޑް ނިއުޒް" ޑައިރެކްޓްކުރި ރާޖް މެހެތާގެ "ޖުގް ޖުގް ޖިއޯ" ގެ ޝޫޓިން ފަށައިފި އެވެ.

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން ހައުސްގެ ފުރާޅުގެ ދަށުން ގެނެސްދޭ މި ފިލްމުގެ ލީޑު ތަރިންނަކީ ކިއާރާ އަދުވާނީއާއި ވަރުން ދަވަން އެވެ. އަދި މި ފިލްމުގައި އަނިލް ކަޕޫރާއި ނީތޫ ސިންހް ވެސް ހަރަކާތްތެރިވާނެ އެވެ. ފިލްމުގެ ޝޫޓިން އަށް ތަރިން މިހާރު ޗަންދީގަރުގައި ތިބިއިރު މި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު ކުރީކޮޅު ކަމަށް ހަބަރުތައް ބުނެ އެވެ.

ނީތޫގެ ފިރިމީހާ އެކްޓަރު ރިޝީ ކަޕޫރު މަރުވިފަހުން އޭނާ ކުރާ ފުރަތަމަ މަސައްކަތް ފެށި ދުވަހުވެސް އޭނާ ވަނީ ރިޝީ މަތިން ވަރަށް ބޮޑަށް ހަނދާންވާކަމަށް ބުނެ އިންސްޓަގްރާމްގައި ޕޯސްޓެއްވެސް ކޮށްފަ އެވެ. ނީތޫ ބުނީ އެތައް އަހަރަކަށް ފަހު ފިލްމީ މަސައްކަތަށް އެނބުރި އައިސް ފިލްމު ސެޓަކަށް އަންނަން ޖެހުމުން ކުޑަކޮށް ޖެހިލުންވާ ކަމަށާއި ނަމަވެސް ރިޝީ އޭނާއާއެކު ވާކަމުގެ އިހުސާސްކުރެވޭ ކަމަށެވެ.

ވަރުންއާ އެކު ފިލްމެއް ކުޅެން ކިއާރާ އަށް މީގެ ކުރިން ވަނީ ފުރުސަތު ލިބިފަ އެވެ. އެއީ "މިސްޓަ ލޭލޭ" އެވެ. ނަމަވެސް ކިއާރާ ވަނީ އެހެން ފިލްމެއްގެ މަސައްކަތެއްގައި އުޅެން ޖެހުމުން އެ ފިލްމު ދޫކޮށްލާފަ އެވެ.

އެކްޓަރު ވަރުން ދެން އެންމެ އަވަހަށް ސްކްރީނުން ފެނިގެންދާނީ ޑޭވިޑް ދަވަންގެ "ކޫލީ ނަމްބަރު-1" އިންނެވެ. ބަތަލާ ކިއާރާގެ ކުރިއަށް ހުރި ފިލްމު ތަކުގެ ތެރޭގައި "ބޫލް ބުލައްޔާ-2"، "އިންދޫ ކީ ޖަވާނީ" އަދި "ރޯމިއޯ" ހިމެނެ އެވެ.