18 Nov 2020, 08:48
އަހްމަދު ޚާން ޕްރޮޑިއުސްކޮށް ގެނެސްދޭ ފިލްމު "އޯމް: ދަބެޓްލް ވިތިން" ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ތަރި އަދިތްޔާ ރޯއީ ކަޕޫރު ލީޑު ރޯލު ކުޅެން ހަމަޖެހިފައިވާ މި ފިލްމު ރަސްމީކޮށް އިއުލާންކުރީ އޭނާގެ 35 ވަނަ އުފަންދުވަހާ ދިމާކޮށެވެ. ފިލްމު އިއުލާންކުރުމާއެކު އަހްމަދުޚާން ބުނީ މި ފިލްމަކީ އަދިތްޔާ ވަރަށް ތަފާތު ވަރުގަދަ ކެރެކްޓާއަކުން ފެނިގެންދާނެ ފިލްމެއް ކަމަށާއި ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށެވެ.
ޒީ ސްޓޫޑިއޯގެ ދަށުން ގެނެސްދޭ މި ފިލްމަކީ ކަޕިލް ވަރްމާގެ ޑައިރެކްޝަނެކެވެ. ފިލްމުގެ ފަސްޓްލުކް އަދިތްޔާ އާއެކު މިހާރު ދައްކާލައިފައިވާއިރު މި ފިލްމު އިންޑިއާ އާއި އިންޑިއާގެ ބޭރުގައި ވެސް ޝޫޓްކުރުމަށް ވަނީ ނިންމާފައެވެ.
އަދިތްޔާ މި ފިލްމުގެ ފިރިހެން ލީޑު ކުޅޭއިރު ފިލްމުގައި އަންހެން ބަތަލާގެ ރޯލު ކުޅޭނީ ކޮން ތަރިއެއްކަން ހާމަކޮށްފައެއް ނުވެއެވެ. . ކުރިން މި ފިލްމަށް ތާރާ ސުތައިރާ ހަމަޖެއްސިކަމަށް ޚަބަރުތައް ބުނި ނަމަވެސް މިހާރު ގިނަ ރިޕޯޓްތައް ބުނާގޮތުގައި އަދިތްޔާއާއެކު މި ފިލްމުން ފެނިގެންދާނީ ސަންޖަނާ އެވެ.
އެކްޓަރު އަދިތްޔާ އެންމެ ފަހުން ފެނިގެންދިޔައީ ދިޝާ ޕާޓްނީ އާއެކު "މަލަންގް" އިންނެވެ. އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.