ސުކޫކު ވިއްކުމަށް ދަރުމަވަންތަ ހޮސްޕިޓަލް ބޭނުން ކުރާތީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، އަދި ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ އެސެޓް ބޭސްޑް ފައިނޭންޝަން އިންސްޓްރޫމެންޓެއް އިޝޫ ކުރަން އުޅޭތީ، މިހާރު ސޮވެރިން ގެރެންޓީވެސް ގަބޫލު ނުކުރާ ހިސާބަށް ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށަށް ދިޔައީތޯ ސުވާލު އުފައްދަވައިފަ އެވެ.

"ހަރުމުދާ ވިއްކަން ޖެހުމަކީ މޮޅު ނޫ އިގްތިސޯދީ ސިޔާސަތާ ހެދި . ރޭޓިން ދަށްވެ، ސޮވެރިން ގެރެންޓީ ވެސް ގަބޫލުނުކުރާ ހިސާބަށް ދިޔައީ؟" ރާއްޖޭގެ ފައިނޭންޝަލް ރޭޓިން ސީސީސީ އަކަށް ދަށްކުރި ކުރުމަށް އިޝާރާތް ކުރައްވާ ޖަމީލް ސުވާލު އުފެއްދެވި އެވެ.

ޖަމީލް ވިދާޅުވީ "ދަރުމަވަންތަ ވިއްކަނީ" ރާއްޖެ ހަގީގަތުގައިވެސް ބޭންކްރަޕްޓު ވީމާ ކަމަށެވެ. އަދި އެކަން އޮޅުވާ ނުލުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޓެގް ގުރައްވާ ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާ އެއް ކަމަށެވެ.

"މި ކާރިސާގެ ތަކުލީފު ވިޔަފާރިތަކާ މުވައްޒަފުން އަދިވެސް އުފުލަމުންދާއިރު، ސަރުކާރުގެެ ހަރަދު ކުޑަކުރާނެ އެންމެ ކަމެއްވެސް 2021 ވަނަ އަހަރުގެ ބަޖެޓުގައި ނެތް،" ކޮވިޑު19ގެ ސަބަބުން ދިމާވެފައިވާ އިގްތިސޯދީ ދައްޗަށް އިޝާރާތް ކުރައްވާ ޖަމީލް ވިދާޅުވި އެވެ.

"ރައްޔިތުން ޖޫރިމަނާކޮށް މުދާ ވިއްކައިގެން ވިޔަސް މަތިބަރު ސަރުކާރު ހިންގަން ޖެހޭތޯ" ސުވާލު އުފައްދަވާ ޖަމީލް ވަނީ މަޖިލިސް މެންބަރުންގެ މުސާރަ ހަމައަށް ދޭން ޖެހޭތޯ ވެސް ސުވާލު އުފައްދަވައިފަ އެވެ.

ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށް ބޭރުގެ ފަރާތަކަށް 300 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކުމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކުރުމާއި ވިއްކުމަށް ސަރުކާރުން އުޅޭ ކަމަށް ބުނާ ވާހަކަ ފިނޭންސް މިނިސްޓްރީން ވަނީ ދޮގުކޮށްފަ އެވެ.

ރޭ އެ މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ 300 މިލިއަން ޑޮލަރުގެ ސުކޫކަކީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނައިގެން ބޭރު ދުނިޔޭގައި ފާހަގަކޮށްލެވޭ ފަންނީ މާހިރުންގެ ލަފާގެ މަތީން އިޝޫ ކުރުމަށް މަސައްކަތް ކުރަމުންދާ އިސްލާމިކް ފައިނެންސިންގެ އިންސްޓްރުމެންޓެއް ކަމަށެވެ.

މިނިިސްޓްރީއިން ބުނީ އެ ސުކޫކު ވިއްކުމަށް މަސައްކަތްކުރަނީ އިސްލާމިކް ކޯޕަރޭޝަން ފޮ ދި ޕްރައިވެޓް ސެކްޓާ (އައިސީޑީ) އާއެކު ކަމަށާއި ސުކޫކުގެ މައިގަނޑު އަސާސަކީ އެސެޓް ބޭސްޑް ސުކޫކަކަށް ވުން ކަމަށެވެ.

އެސެޓް ބޭސްޑް ސުކޫކަކީ ދަރަނި ނަގާ ފަރާތުން ކަނޑައަޅާ 100 ޕަސެންޓް ދައުލަތުން ހިއްސާވާ ސްޕެޝަލް ޕާޕަސް ވެހިކަލް (އެސްޕީވީ) އަށް ދައުލަތުގެ އެސެޓެއްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމެވެ. އަދި އެއަށްފަހު ސުކޫކުގެ އިންވެސްޓަރުންގެ ފަަރާތުން އެސްޕީވީގެ ބެނެފިޝަލް އޯނަޝިޕްވާ އެސެޓް، ދައުލަތަށް އިޖާރާ އެއްބަސްވުމެއްގެ ދަށުން ދަރަންޏަށް ނަގާ ފަރާތަށް ލީސްކުރުމެވެ.

މިނިސްޓްރީއިން ބުނީ ސުކޫކު ވިއްކުމަށްޓަކައި އެސެޓެއްގެ ގޮތުގައި ދަރުމަވަންތައް ހޮސްޕިޓަލްގެ ބެނެފިޝަލް އޯނަޝިޕް ބަދަލުކުރުމަކީ ޝަރުއީ އަދި ގާނޫނީ ގޮތުން ހޮސްޕިޓަލު އެއްވެސް ފަރާތަކަށް ވިއްކާލުމެއް ނޫން ކަމަށެވެ. އަދި ސުކޫކު އިޝޫ ކުރުމުގެ އެއްވެސް މަރުހަލާއެއްގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މިލްކުވެރިކަން ފިނޭންސް މިނިސްޓްރީ ފިޔަވާ އެހެން އެއްވެސް ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށްވެސް މިނިސްޓްރީއިން ބުނެ އެވެ.