މާލޭގައި ތަކެތީގެ އަގުތައް ބޮޑުވި މިންވަރު ފާއިތުވި އަހަރުގައި 11.27 ޕަސެންޓް މަށްޗަށް ގޮސްފި އެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ޕްލޭނިން (ޑީއެންޕީ)އިން މިދިޔަ ހަފުތާގައި އާންމުކޮށްފައިވާ، މިދިޔަ މަހުގެ ކޮންސިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ނުވަތަ އިންފްލޭޝަން ވަޒަންކުރާ ރިޕޯޓުން ދައްކާ ގޮތުން، މިދިޔަ އަހަރުގެ އިންފްލޭޝަން ރޭޓް 11.27 ޕަސެންޓް މަތިވެފައިވާ އިރު މަހުގެ އަގުތަކަށް އައި ބަދަލާ ނުލައިވެސް އެ އަދަދު އުޅެނީ 8.70 ޕަސެންޓުގަ އެވެ.

ޑީއެންޕީ އިން ބުނީ މިދަޔަ އަހަރުގައި އިންފްލޭޝަން ރޭޓް މަށްޗަށް ދިޔުމުގައި ބޮޑު ބައެއް ހިއްސާކޮށްފައި ވަނީ ކާބޯތަކެތީގެ ބައިންނާއި މަހުގެ ބައިންނާއި ދަތުރުފަތުރުގެ ބައިން ކަމަށެވެ. އަދި ސިއްހަތުގެ ބައިންނާއި ތައުލީމުގެ ބައިން ވެސް އަގު މަށްޗަށް ދިޔުމަށް ހިއްސާވާ ކަމަށް ޑީއެންޕީން ބުނެ އެވެ.

އެގޮތުން މަހުގެ އަގުތަކަށް އައި ބަދަލާ ނުލައި ވެސް ކާބޯތަކެތީގެ ބައިން އިންޕްލޭޝަން ރޭޓް މަށްޗަށް ދިޔުމަށް 33 ޕަސެންޓް ހިއްސާވާ ކަމަށް ސީޕީއައި އިން ދައްކަ އެވެ. އަދި ކާބޯތަކެތީގެ ތެރެއިން ފޯއް ކިލޯއެއްގެ އަގު 49 ޕަސެންޓް މަތިވެފައިވާ އިރު ކުކިން އޮއިލާއި ސައިފަތުގެ އަގުތައް ވަނީ 29 ޕަސެންޓް އުފުލިފަ އެވެ. އަދި މައިލޯ އާއި މާޖިރިން އަދި ސޮސެޖާއި ކުކުޅު ފައި ޕެކެޓްގެ އަގުތައް މައްޗަށް ގޮސްފައިވާ އިރު ސިނގިރޭޓް ފޮށްޓަކުން ވެސް 17 ޕަސެންޓް ވަނީ މަށްޗަށް ގޮސްފަ އެވެ.

އަދި މަހުގެ ބައިން އަހަރު ދުވަހުގެ އިންފްލޭޝަންގެ 27 ޕަސެންޓް ހިއްސާކޮށްފައިވާ އިރު ލައްޓީގެ އަގު ވަނީ 56 ޕަސެންޓް މަތިވެފަ އެވެ. އަދި ކަޅުބިލަމަހުގެ އަގު 50 ޕަސެންޓަށް މަށްޗަށް ގޮސްފައިވާ އިރު ފަރުމަހުގެ އަގު ވަނީ 48 ޕަސެންޓް މަތިވެފައިވާ ކަމަށް ޑީއެންޕީ އިން ބުނެ އެވެ.

ޑީއެންޕީ އިން އިތުރަށް ބުނީ ނޮވެމްބަރު މަހާ އަޅާ ބަލާ އިރު ފާއިތުވި ޑިސެމްބަރު މަހުގައި އިންފްލޭޝަން ރޭޓް 1.18 ޕަސެންޓް މަތިވެފައިވާ ކަމަށެވެ. އަދި މިދިޔަ މަހުގެ އިންފްލޭޝަން ރޭޓް މަތިވުމުގައި ބޮޑު ބައެއް ސިނގިރޭޓުން ހިއްސާކުރާ އިރު ޑިސެމްބަރު މަހުގައި އަގުތައް މަތިވުމުގައި ސިނގިރޭޓުގެ އަގުން އެކަނި ވެސް 89 ޕަސެންޓް ހިއްސާވާ ކަމަށް ވެސް ޑީއެންޕީން ބުނެ އެވެ.