ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ދެމެދު ދެބަސްވުންތަކެއް ހުރި ކަމަށް ނައިބު ރައީސް ވިދާޅުވި ކަމަށް ބޭރުގެ ނޫސްތަކުން ބުނެފި އެވެ.

ރައީސް ނަޝީދާއި ޑރ. ވަހީދާ ދެމެދު ދެބަސްވުންތަކެއް ހުރި ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސްއާ ހަވާލާދީ ވޮޝިންޓަންޕޯސްޓްގައި މިއަދު ލިއުނެވެ.

ހަސަން ފާހަކަ ކުރެއްވި ގޮތުގައި ޝަރުއީ ނިޒާމުގެ މައްސަލައިގާ އޭނާ އާއި ރައީސް ނަޝީދާ ދެމެދު ވަރަށް ސާފުކޮށް ދެބަސްވުންތައް އެބައޮތެވެ. ނަމަވެސް އެ ދެ ބޭފުޅުންނަށް އަދި ވެސް އެކުގައި މަސައްކަތް ކުރެއްވޭނެ ކަމަށް ޑރ. ވަހީދު ވިދާޅުވެފައިވެ އެވެ.

ޑރ. ވަހީދުއާ ހަވާލާދީ އެ ނޫހުގައި ވަނީ ސިޔާސީ ފާޑުކިއުންތެރިއަކު ހައްޔަރުކުރުމުން އޭނާ ދޫކޮށްލުމަށް އަމުރުކުރުމާ ގުޅިގެން ކްރިމިނަލްކޯޓްގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ހައްޔަރުކުރި ކުރުމަށް އެމަނިކުފާނު ފާޑުވިދާޅުވާ ކަމަށާއި އަދި ގާޒީ ދޫކޮށްލުމަށް އިއްޔެ ގޮވާލައްވާފައި ވާނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ސަރުކާރު މިހާރު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި ހެން،" ޑރ. ވަހީދު ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

ވޮޝިންޓަން ޕޯސްޓްގައި އަދި ވަނީ ކޯޓް އަމުރުތަކަށް ތަބާ ނުވުމާއި ސިފައިންނާ ފުލުހުން ބޭނުންކޮށްގެން ފާޑުކިއުންތެރިންގެ އެއްވުންތައް ރޫޅާލާ ކަމުގެ ތުހުމަތު ރައީސް ނަޝީދުގެ ސަރުކާރަށް ކުރެވެމުންދާ ކަމަށެވެ.

އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމުރާނު އަބުދުﷲ ހައްޔަރުކުރި ވާހަކަ ވެސް ވޮޝިންޓަންޕޯސްޓްގެ ހަބަރުގައިވެ އެވެ.
އަދި ރާއްޖޭގައި ފަންޑަމެންޓަލިޒަމް ފެތުރޭކަމުގެ އިންޒާރު ސަރުކާރުން ދީފައިވާ ކަމަށާއި ސަރުކާރުން ގޮވާލަނީ މެދުމިނަށް ކަމަށް ވެސް އެނޫހުގައިވެ އެވެ.