06 Jul 2010, 11:30
14:30
ސާރުކާރުން ބޭނުންވާ ގޮތަށް ކެބިނެޓް އެކުލަވާ ލުމުގައި މަޖިލިސް ތައްޔާރަށް އޮތް ގޮތާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާއި އަދި އިތުރު ހަތަރު ޕާޓީގެ މެމްބަރުންނާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ގިނިކަންޏާ ރޭ ބައްދަލު ކުރައްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރ ހަސަން އަފީފް ވިދާޅުވީ މުޅި ކެބިނެޓް އިސްތިއުފާ ދެއްވާފައިވާތީ އަލުން ކެބިނެޓް އެކުލަވާލުމުގައި ސަރުކާރު ބޭނުންވާ ގޮތަށް މަޖިލީހުގެ ރުހުން ހޯދުމުގައި ސަރުކާރަށް އެއްބާރުލުން ދިނުމަށް މަޖިލިސް ތައްޔާރަށް އޮތް މިންވަރާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފައިވާ ކަމަށެވެ. އެހެން ނަމަވެސް ރައީސް އެ ބޭފުޅުންނާ ދެއްކެވި ވާހަކަތަކުގެ ތަފްސީލެއް އަފީފް ނުދެއްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ރައީސް ބައްދަލުކުރައްވާފައި ވަނީ މުލީއާގޭގަ އެވެ. އަދި ޑީއާރުޕީ އާއި ޕީއޭ އާއި، ޖުމްހޫރީ ޕާޓީ އާއި ގައުމީ ޕާޓީގެ ބޭފުޅުންނާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ ރައީސް އޮފީހުގަ އެވެ.
އަފީފް އިތުރަށް ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ވަކި ތިންބާރުގެ ތެރެއިން ވެރިކަން ހިންގުމުގެ ބާރުގައި އޮތް އިމްތިޔާޒުގެ ބާރުތައް ގާނޫނު ހަދާ ފަރާތްތަކުން، އެ ބާރުތައް ހަނިކުރުމަށް މަސައްކަތްކުރުން ކަމަށެވެ.
މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ އިބްރާހިމް ރަޝީދު ވިދާޅުވީ މިވަގުތު ސަރުކާރުން އެންމެ ފުރަތަމަ އިސްކަމެއްދޭ އެއް ކަމަކީ ކޮރަޕްޝަނާއި އަދި ޚިޔާނާތް މުޅި ރާއްޖެއިން ނައްތާލުން ނުވަތަ މަދުކުރުން ކަމަށެވެ. އަދި ސަރުކާރުން ކުރަމުންދާ އެ މައްސައްކަތަށް އެއްވެސް ދޫދިނުމެއް ނުވަތަ ހުއްޓާލުމެއް، އަދި ތަހްގީގުތައް ނިންމައި ޝަރީއަތުގެ މަރުހަލާ އިން އެކަން ނިމިގެން ދިއުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދުލެއް ނުދެއްވާ ކުރިއަށް ގެންދަވާނެ ކަމަށް ރަޝީދު ވިދާޅުވި އެވެ.
ރަޝީދު އިތުރަށް ވިދާޅުވީ ކޮރަޕްޝަންގެ ތުހުމަތެއް ނެތް ސިޔާސީ ވާދަވެރިން ކަމަށް ގަބޫލު ކުރެވޭ ފަރާތްތަކާ އެކުގައި ރަނގަޅު އަމާން ބަނދަރަކަށް ދިއުމަށް ސަރުކާރުން ދޮރު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމުގައި މަޝްވަރާކުރުމުގެ ފުރުސަތު ހުރިހާ ސިޔާސީ ޕާޓީ ތަކަކަށް ވެސް އެބައޮތް ކަމަށާއި އެކަމުގައި އެމްޑީޕީ އެއް ޑީއާރުޕީ އެއް އިސްތިސްނާވެގެން ނުދާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.