ޖެނީވާ (ނޮވެމްބަރު 17) : ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް މަސައްކަތްކުރާ ބައެއް ވެކްސިންތައް މިހާރު ކާމިޔާބުވެ ބާޒާރަށް ނުކުތުމުގެ މަރުހަލާގައި ވީނަމަވެސް އެވެކްސިންތަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ފުރަތަމަ ދޭނީ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނާއި ދޮށީ އުމުރުގެ މީހުންނާއި ތަފާތު ބަލިތަކުގައި އުޅޭ ހައިރިސްކް މީހުންނަށް ކަމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ހިންދެމިލެވޭނީ ފުރަތަމަ މިގްރޫޕްތަކަށް ވެކްސިން ދީގެން

އެޖަމްއިއްޔާގެ ވެރިޔާ ޑރ. ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވީ ކޮވިޑް-19ގައި މަރުވާ މީހުންގެ އަދަދު ދަށްކުރެވޭނީ އަދި ދުނިޔޭގެ ގައުމުތަކުގެ ސިއްހީ ނިޒާމުތަކަށް ހިންދެމިލާނެ ވަގުތު ލިބޭނީ އެންމެ ފުތަރަމަ މި ގްރޫޕްތަކުގެ މީހުންނަށް ވެކްސިން ދީގެން ކަމުގަ އެވެ. މިމަޝްވަރާ ދުނިޔޭގެ ގައުމުތަކަށް ދީފައިވާނެ ކަމަށާއި ވެކްސިން ދޭން ފެށި ނަމަވެސް ކޮވިޑް އާ ދެކޮޅަށް އަޅާ ފިޔަވަޅުތަށް މިހާރެކޭ އެއްގޮތަށް މަދުވެގެން ހަ މަހާއި އެއްއަހަރާ ދެމެދު ކުރިޔަށް ގެންދަން ގައުމުތަކަށް ލަފާދީފައިވާނެ ކަމަށް ވެސް ޓެޑްރޮސް ވިދާޅުވި އެވެ.

ބައެއް ވެކްސިން އަންނަ މަހު ބާޒާރަށް ނެރެ އާންމުކޮށް ދޭންފަށާނެ

ކޮވިޑް-19ގެ ވައިރަސް އާ ދެކޮޅަށް އެތަށް ވެކްސިން އެއް އުފައްދައި އޭގެ ކާމިޔާބުކަން ކްލިނިކަލް ގޮތުން ކަށަވަރު ކުރެވިފައިވާއިރު ފައިޒާ ކުންފުނީގެ ވެކްސިން އަންނަ ޑިސެމްބަރުމަހުގެ ކުރީކޮޅު ބާޒާރަށް ނެރޭނެ ކަމަށާއި އެވެކްސިން ގަނެފައިވާ ގައުމުތަކުގެ ރައްޔިތުންނަށް ދޭން ފެށޭވަރުވެސްވާނެ ކަމަށް އެކުންފުނިން ބުނެއެވެ. އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މޮޑާނާއިން އުފެއްދި ވެކްސިންއާއި ރަޝިޔާގެ ވެކްސިންގެ ކާމިޔާބީވެސް 90 ޕަސެންޓް މަތީގައިވާކަން ކަށަވަރު ކުރެވިފައިވާއިރު މި ދެ ވެކްސިންވެސްވަނީ ބާޒާރަށް ނެރުމުމުގެ މަގުމަތީގަ އެވެ.

ރަޝިއާގެ ވެކްސިން ވަނީ އެގައުމުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް މިދިޔަ މަހު ދޭންފަށައިފަ އެވެ. ޗައިނާ އިން އުފެއްދި ވެކްސިން ވެސް އެގައުމުގެ ޑޮކްޓަރުންނާއި ނަރުހުންނާއި ސިއްހީ ހިދުމަތްތެރިންނަށް މިދިޔަ މަހުވަނީ ދޭންފަށައިފަ އެވެ.

ކޮންމެ ވެކްސިން އެއްވެސް ބާޒާރަށް ނެރޭ ފުރަތަމަ މަރުހަލާގައި ސަޕްލައި މަދުވާނެ

ޑަބްލިޔޫއެޗްއޯ ބުނާގޮތުން ކޮންމެ ވެކްސިން އެއްވެސް ބާޒާރަށް ނެރޭ ފުރަތަމަ މަރުހަލާގައި ސަޕްލައި މަދުވާނެ އެވެެ. އެހެންކަމުން ދުނިޔޭގެ ރައްޔިތުންގެ ގިނަ ބަޔަކަށް ވެކްސިން ދެވޭވަރުވާނީ އަންނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ޑަބްލިއުއެޗްއޯ އިން އަންދާޒާ ކުރެ އެވެ. އެންމެ ފުރަތަމަ ބާޒާރަށް ނެރޭ ވެކްސިންތަކުގެ ބޮޑުބައެއް ގަނެފައިވާކަމަށް ރިޕޯޓްތައް ބުނަނީ ދުނިޔޭގެ މުއްސަނދި ގައުމުތަކުންނެވެ. އޭގެތެރެއިން ފަގީރު ގައުމުތަކަށް ލިބޭނެކަމަށް ބެލެވިފައި ވަނީ މަދު އިންސައްތައެއްގެ ވެކްސިން އެވެ.

ކޮވިޑް އަށް ވެކްސިންއެއް އީޖަދުކުރަން ދުނިޔޭގެ ތާރީހު ނުދެކޭހާ ފުޅާ ދާއިރާއެއްގައި

ކޮވިޑް-19އަށް ވެކްސިން އެއް އީޖާދުކުރުމަށް ދުނިޔޭގެ ގައުމުތަކުން މަސައްކަތް ކޮށްފައި ވަނީ މިފަދަ ކަމެއްގައި މިހާތަނަށް ދުނިޔޭގެ ތާރީހު ވެސް ނުދެކޭހާ ފުޅާ ދާއިރާއެއްގައި އަދި އެހާމެ ހަލުވި ކޮށެވެ. ބައްޔަކަށް އަދި ރޯގާއަކަށް ވެކްސިން އެއް އުފެއްދުމަށް އާންމުކޮށް ހަތް އަހަރާއި 10 އަހަރުގެ މުއްދަތެއް ހޭދަވިނަމަވެސް ކޮވިޑް-19އަށް ވެކްސިން އެއް އީޖާދުކުރުމަށް ނަގާފައިވަނީ ގާތްގަނޑަކަށް 10 މަސްދުވަހެވެ.

ކޮވިޑް-19 އަށް ވެކްސިންއެއް އުފެއްދުމަށް ދުނިޔޭގެ 100 އަށްވުރެ ގިނަ ގައުމުން މަސައްކަތް ފަށާފައިވާ އިރު ގައުމުތަކުގެ ސަރުކާރުތަކުންނާއި ދުނިޔޭގެ މާލީ މުއައްސަސާތަކުންނާ އަދި ބިޔަ ކުންފުނިތަކުން މިކަމަށް މާލީގޮތުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުންނެވެ. ދުނިޔޭގެ އެކި ގައުމުތަކުން އުފައްދާ ކޮވިޑް ވެކްސިންތަކުގެ ތެރޭގައި ކްލިނިކަލް ތަޖްރިބާގެ އެންމެ ފަހު މަރުހަލާގައި ނިންމަމުންދާ 11 ވެކްސިން އެއް ހިމެނޭކަމަށް ރިޕޯޓްތަށް ބުނެ އެވެ. (ނޫސްއެޖެންސީތަށް)