ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެެ މަސައްކަތް ހަރުދަނާ ކުރުމަށް ޔުނިސެފް އިން އެ ސެންޓަރަށް 46 ލެޕްޓޮޕް ހަދިޔާކޮށްފިއެވެ.

ކޮވިޑް19 އާއި ދެކޮޅަށް ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އެހީތެރިވެ އެއްބާރުލުން ދިނުމަށް ޔުނިސެފުން އިއްޔެ ވަނީ 5،000ޕީސީއާރު ޓެސްޓުކިޓު ވެސް ހަދިޔާ ކޮށްފައެވެ.

ޔުނިސެފުން ބުނީ ރާއްޖޭގައި ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތުގެ އެންމެ އިސް މަރުކަޒަކީ އެޗްއީއޯސީ ކަމަށާއި އެ ޖަމްއިއްޔާ އިން ހަދިޔާކުރި ލެޕްޓޮޕްތަކާއެކު އެޗްއީއޯސީގައި މަސައްކަތްކުރާ ގުރޫޕުތަކުގެ މަސައްކަތް އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެ ކަމަށެވެ. އެގޮތުން ރެޕިޑް ރެސްޕޮންސް ޓީމާއި ކޯލް ސެންޓަރުއަދި ކޮންޓެކްޓް ޓްރޭސިން ޓީމާއި މީޑިއާ އެންޑް ކޮމިޔުނިކޭޝަން ޓީމުގެ އިތުރުން މެޑިކަލް ސަޕްލައިސް އެންޑްޕްލޭނިން އާއި ކޯޑިނޭޝަން ޓީމުގެ މަސައްކަތަށް އިތުރު ފަސޭހަތައް އަންނާނެ ކަމަށް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ކޮވިޑަށް ޓެސްޓުކުރާ ޕީސީއާރު ކިޓްތަކާއެކު ބަލިޖެހިފައިވާ މީހުން ދެނެގަތުމަށް ކުރާ މަސައްކަތަށް އިތުރު ފަސޭހައެއް އަންނާނެ ކަމަށްވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

ޔުނިސެފުން އެޗްއީއޯސީ އަސް އިއްޔެ ހަދިޔާކުރި ތަކެތީގެ އަގު 1.7 މިލިއަން ރުފިޔާއަށްއަރައެވެ. އެ ޖަމްއިއްޔާ އިން ވަނީ ރާއްޖެއިން ކޮވިޑް19 އާއި ދެކޮޅަށް ކުރާ މަސައްކަތަށް 17 މިލިއަން ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ކުރިއަށް އޮތް ހަފްތާތަކުގެ ތެރޭގައި އެ ޖަމްއިއްޔާ އިން ހެލްތު މިނިސްޓްރީ އަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް ޔުނިސެފުން ބުންޏެވެ. އެގޮތުން އައިސީޔޫ އަށް ބޭނުންވާ އިކުއިޕްމެންޓު ހަދިޔާކޮށް އިންސާނީ ވަސީލަތް ފުރިހަމަ ކުރުމަށްވެސް އެހީތެރިކަން ފޯރުކޮށްދޭން ވަނީ ނިންމައިފައެވެ.

ޔުނިސެފުން ވަނީ ކޮވިޑް19 ގެ ހާލަތުގައި ސިއްހީ އަދި ތައުލީމީ ދާއިރާއަށް ބޮޑެތި އެހީތަކެއް ފޯރުކޮށްދީފައެވެ.